2030 ގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިޤްތިސާދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވި އދ. ގެ 79 ވަނަ އާންމު ޖަލްސާގައި މިރޭ ދެއްވި ތަގުރީރުގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލް އިޤްތިސާދު ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން 2030 ގެ ނިޔަލަށް ޑިޖިޓަލް އިޤްތިސާދު ގައުމުގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާ ކުރާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ޑިޖިޓަލް އިޤްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މެޑިކަލް ސަޕްލައި ޑެލިވަރީ ކުރުމަށް ޑްރޯން އާއި ރަށް ގިރުމުގެ މައްސަލަ ދެނެގަތުމާއި ތިމާވެށި މޮނިޓަރ ކުރުމަށް އޭއައި ޓެކްނޮލޮޖީ ފަދަ 5ޖީ ޓެކްނޮލޮޖީ އެޕްލިކޭޝަންތައް ވެސް ތައާރަފްކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ބަދަލެއް ގެނައުމަށް ބޭނުންވަނީ ތައުލީމާއި މާލީ ނިޒާމުތައް ބަދަލުކުރުމާއި، ޒުވާން އުމުރުން ފެށިގެން ޑިޖިޓަލް ތައުލީމަށް އިންވެސްޓްކުރުމާއި، ޑިޖިޓަލް ބައިބައިވުންތައް ހުއްޓުވުމާއި، ރެގިއުލޭޓަރީ ފްރޭމް ވޯކްތައް ހަރުދަނާ ކުރުމާއި، އާ ސިނާއަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް މިދިޔަ މެއި މަހު ޤާއިމުކުރެވިގެން ދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ ޑިޖިޓަލް ބައިބައިވުންތަކަށް ޙައްލު ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އެކަން ކުރެވޭނީ އަޅުގަނޑުމެން ރެގިއުލޭޓަރީ ފްރޭމްވޯކްތައް ވަރުގަދަކުރަންޖެހޭނީ، ސްޓާޓްއަޕް އިކޯސިސްޓަމްތައް ތަރައްޤީކޮށް، މިހާރު ހުރި މުއައްސަސާތައް ހަރުދަނާކޮށް، އަޅުގަނޑުމެން އުންމީދުކުރާ މުސްތަޤްބަލަށް ބޭނުންވާ ބާރު ފޯރުކޮށްދީގެން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލް އިޤްތިސާދު ކުރިއެރުވުމުގެ މައިގަނޑު އަމާޒަކީ އިންކްލޫސިވް ޑިވެލޮޕްމަންޓާއި، ފުރުސަތުތައް ހަމަހަމަކަން ކަށަވަރުކޮށްދީ، އަންހެނުންނާއި ޒުވާނުންނަކީ މުހިއްމު ބައެއްކަން ކަށަވަރުކޮށް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށެވެ. އެ މަޤްޞަދުތައް ހާސިލް ކުރުމަށްޓަކައި ސަރުކާރުން ކުރާ ކަންކަމަށް އިޝާރަތް ކުރަށްވައި ރައީސް ވަނީ 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ފަށާފައިވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން 20 އަތޮޅުގެ ތެރެއިން 19 އަތޮޅާއި މާލޭގައި 100 އަށްވުރެ ގިނަ މަޝްރޫއު ހިންގުމާއި، ވިޔަފާރީގެ 21 ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންގެ ބޭނުންތަކާއި ދެކޭގޮތް ސަރުކާރަށް ލަފާދީ މައުލޫމާތު ދިނުމުގެ ގޮތުން ޒުވާނުންގެ ލަފާދޭ ބޯޑެއް ވެސް އިފްތިތާހުކުރައްވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން