ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުން
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ތަޤުރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ވައި ތަޣައްޔަރުވުމާއި ދިރުންތައް ނެތިދިއުން ފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. މިކަންކަމުގެ ތެރެއިންވެސް މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އިންސާނިއްޔަތަށް އެންމެބޮޑު ނުރައްކަލެއް އޮތް މައްސަލަކަން ފާހަގަކުރައްވައި އެކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ އެތައް އަހަރުތަކެއްގެ ކުރިއެރުންތައް ނެތިގެންދާކަމަށާއި އަދި ޤައުމުތަކުގެ ތަރައްޤީގެ ކަންކަމަށް ހޭދަކުރުމަށް ހުންނަ މަދު ވަޞީލަތްތައް ކުއްލި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހޭދަކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ އެކަށީގެންވާ ވަޞީލަތްތަކާއެކު އެ މައްސަލަ ޙައްލުކުރުމުގެ ނިޔަތާއެކު އަދި ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތަކެއް މިހާރުން މިހާރަށް ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދީ މާލީ އެހީތެރިކަން ހަމަޖެހުމުގައި ކުރިމަތިވާ ދަތިތައް ކުޑަކުރުމުގައި އެއްބާރުލުން ދިނުމަށް މުއްސަނދި އަދި އެންމެ ގިނައިން ވިހަ މާއްދާތައް ޖައްވަށް ބޭރުކުރަމުންދާ ޤައުމުތަކުން ދީފައިވާ ޔަޤީންކަމާ އެއްގޮތަށް އެފަރާތްތަކުން މަސައްކަތްކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ކޮޕް29 އާ ބައްދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ތައްޔާރުވަމުންދާއިރު، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އަމާޒުތައް، ބޭނުންވާ ގޮތަށް ހަމަޖެހިގެންދާނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަށް ބޭނުންވާ ކަރަންޓްގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ އަމާޒަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާކަން ތަކުރާރު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތުގައި ކަނޑުތައް އަދާކުރާ މުހިންމު ދައުރު ފާހަގަ ކުރެއްވިއެވެ. އަދި ޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލައާ ދިރުންތައް ހިމާޔަތްކުރުމާއި ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ދިރުންތައް ޙިމާޔަތްކުރުމުގައި އިތުރު ބާރެއްލައިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކާއި ވައި ތަޣައްޔަރުވުމާއި ދިރުންތައް ނެތިދިއުންފަދަ މައްސަލަތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުގެ ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން