ނިސްބަތުން ދިވެހިރާއްޖެ ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އދ. އާންމު މަޖިލީހުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވަނީ ތަގުރީރު ކުރައްވާފައެވެ. އެ ތަގުރީރުގައި އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ސްކޫލުތަކާއި ގެތަކަށް ހަމަލާދީ ކުޑަކުދިންނާއި އަންހެނުން މަރައިގެން ހިންގަނީ ޓެރަރިޒަމް ކަމަށް ވިދާޅުވެ އެ ކަންކަމަށް އިޒްރޭލު ބައިނަލްއަގުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒަށް ތަހުނިޔާ ވިދާޅުވެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑުމަޑުނޫންކަން ރައީސް ސާބިތުކޮށްދެއްވައިފި ކަމަށެވެ.



ރައީސްގެ ހަރުދަނާ ސިޔާސަތާއި މާދަމާއަށް ކުރައްވާ އުންމީދާއި، ދުނިޔެ މިއަދު ކުރިމަތިލާންޖެހިފައިވާ ބޮޑެތި މައްސަލަތަކަށް ރައީސް އަލިއަޅުއްވައިލެއްވީ ހުއްޖަތާއި ދަލީލުތައް ދައްކަވައި، ދިވެހީން ފަޚުރުވެރިކުރުވަމުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް އދ. ގައި ދެއްވި ތަގުރީރުގައި ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގެ ޙާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަޤުވާމީ ނިޒާމުގެ ނާކާމިޔާބީ ކަމަށެވެ. އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވަމުން ރައީސް ވިދާޅުވީ އެ ޖަރީމާތަކުގެ ސަބަބުން، އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒަޚަމްވަމުންދާ ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަޞީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދޭ ހަމަލާތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ. ޣައްޒާގައި ޢާންމުން މަރުވަމުންދާ މިންވަރު ދުނިޔެއަށް ބަލައިނުގަނެވިގެން އުޅެނިކޮށް، މިހާރު އިސްރާއީލުން ލުބްނާނަށް ޙަމަލާދީ، އެ ޙަމަލާތަކުގައި އެތައް ސަތޭކަ ޢާންމުންނެއް މަރުވަމުންދާކަން އެމަނިކުފާނު ފާހަަގަކުރެެއްވިއެވެ.

އދ.ގައި ރޭ ދެއްވި ތަގުރީރުގައި ރައީސް ވަނީ ރާއްޖެ އާއި މެދު ގެންގުޅުއްވާ ތަޞައްވަރު ވެސް ހާމަކުރައްވާފައެވެ. އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 2040 ވަނަ އަހަރު 75 އަހަރު ފުރޭއިރު އެމަނިކުފާނުގެ އަމާޒަކީ އެހާ ހިސާބަށް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ.

"އދ. އަށް ރާއްޖެއިން އައީ ތަސައްވުރެއް ހިފައިގެން. 2040 އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ބޭނުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޑިޖިޓަލް އިކޮނޮމީގެ ދާއިރާއިން އިންވެސްޓްކުރައްވާނެކަމަށެވެ. އެގޮތުން، 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ޖީޑީޕީއަށް އެ ދާއިރާއިން 15 އިންސައްތަ ހިއްސާކުރުވަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެ މިއަދު ތައްޔާރުވަމުންދަނީ އިޤްތިޞާދީ ބޮޑު ބަދަލަކާއި ދިމާލަށް ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކުން ނެރެން ބޭނުންވާ ނަތީޖާ ނެރުމަށް ބައިނަލްއަޤުއާމީ މާލީ އެހީތެރިކަން ރައީސް ވަނީ އެދިވަޑައިގެންފައެވެ. ރައީސް ދިވެހިރާއްޖެއާ މެދު ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހައުސިން މައްސަލަ އެއްކޮށް ހައްލުކޮށް، ޓުއަރިޒަމް ފުޅާކޮށް މިހާރަށް ވުރެ ބޮޑަށް ތަރައްގީކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން