އދ.ގެ އާންމު މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުން ސާބިތުކޮށްދެއްވީ، ރާއްޖެ ކުޑަ ގައުމަކަށް ވީނަމަވެސް ހައްގު ބަސް ބުނަން ކެރޭކަން ކަމުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ބުނެފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ. ގެ އާންމު މަޖިލީހުގައި ރޭ ދެއްވި ތަގުރީރާ ގުޅުވައި ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނު ދެއްވި ތަގުރީީރާ މެދު އެޕާޓީން ފަޚުރުވެރިވާ ކަމަށެވެ. އެގޮތުން، އެ ތަގުރީރަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި ތަޞައްވުރާއި މިހާރުން މިހާރަށް ގެންނަން ޖެހިފައިވާ ނިޒާމީ ބޮޑެތި އިސްލާހުތަކަށް އަލިއަޅުއްވައިލެއްވި ތަގުރީރެއް ކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީން ބުނީ ރާއްޖޭގެ މިނިވަންކަމަށް 2040 ވަނަ އަހަރު 75 އަހަރު ފުރޭއިރު، ރައީސް މުއިއްޒުގެ އަމާޒަކީ އެހާ ހިސާބަށް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށް އެ ތަގުރީރުގައި ރައީސް އިއުލާނުކުރެއްވުމަކީ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކަށް އެމަނިކުފާނު ދެއްވި އުފާވެރި ޚަބަރެއް ކަމަށެވެ.

އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ސްކޫލުތަކާއި ގެތަކަށް ހަމަލާދީ ކުޑަކުދިންނާއި އަންހެނުން މަރައިގެން ހިންގަނީ ޓެރަރިޒަމް ކަމަށާއި އެ ކަންކަމަށް އިޒްރޭލު ބައިނަލްއަގުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ޕީއެންސީން ބުނީ އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ރައީސް ހަރު އަޑުން ގޮވައިލެއްވުމަކީ ކޮންމެ ދިވެއްސަކު އެމަނިކުފާނާމެދު ފަޚުރުވެރިވާފަދަ ހިތްވަރު ގަދަ އަމަލެއް ކަމަށެވެ.

"ރައީސްގެ ތަޤުރީރަކީ ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ބައިނަލްއަޤުވާމީ މަސްރަޙުގައި ހަމަ އިސްކޮޅަށް ދެމިލައި، ޙައްޤު ބަސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތް ކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަޤުރީރެއް،" ޕީއެންސީގެ ބަޔާނުގައިވެއެެވެ.

ޕީއެންސީގެ ބަޔާން ނިންމާލާއިފައިވަނީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ނަމުގައި ރައީސް މުޢިއްޒަށް މަރުޙަބާ ދަންނަވައި، ފުރިހަމަ މާނައިގައި ދިވެހިންގެ މަސްލަހަތުތަކާއި އިހުސާސްތައް ބައިނަލްއަގުވާމީ މަސްރަހުގައި ތަމްސީލުކޮށްދެއްވީތީ އެކަމަށް ރައީސަށް ޝުކުރު އަދާކުރަމުންނެެވެ.

އދ.ގައި ރޭ ދެއްވި ތަގުރީރުގައި ރައީސް ވަނީ ރާއްޖެ އާއި މެދު ގެންގުޅުއްވާ ތަޞައްވަރު ވެސް ހާމަކުރަށްވާފައެވެ. އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 2040 ވަނަ އަހަރު 75 އަހަރު ފުރޭއިރު އެމަނިކުފާނުގެ އަމާޒަކީ އެހާ ހިސާބަށް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ.

"އދ. އަށް ރާއްޖެއިން އައީ ތަސައްވުރެއް ހިފައިގެން. 2040 އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ބޭނުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން