ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީކުރާ "ނިޢަމް ރެސިޑެންސް" މަޝްރޫއުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ. އަދި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ.

މި އެއްބަސްވުމުގެ މަޤްޞަދަކީ ހައްޖު ކޯޕަރޭޝަނުގެ "ނިޢަމް ރެސިޑެންސް" މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.

އެފްޑީސީން ބުނީ ހައްޖު ކޯޕަރޭޝަންގެ އެއްބަސްވުމެކޭ އެއްގޮތަށް އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވް ގޭސްއާއެކު އެއްބަސްވުމެއް ހަދައި އެފަދަ ހިދުމަތްތައް މިހާރުވެސް ދެމުން ގެންދާ ކަމަށެވެ.

އަދި އެފްޑީސީއަށް ފަސް އަހަރު ފުރުމާ ގުޅިގެން ކުންފުނީގެ މެންޑޭޓަށް ގެއައި ބަދަލާއެކު، އާމްދަނީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެފްޑީސީން ބުނެއެވެ.

އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުން އެ ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވި، އެ ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެފްޑީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން