މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން، ދެމެހެއްޓެނިވި އަވަސް ހައްލުތަކެއް ހޯދަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލަމުންދިއުމާއި ގުޅޭގޮތުން އދ ގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކުދި ޖަޒީރާ ޤައުމުތަކުގެ ބައްދަލުވުމުގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ މުޅި އިންސާނިއްޔަތަށް އެކި ގޮތްގޮތުން އޮތް ނުރައްކަލެއްކަން ފާހަގަކޮށްފައިވާކަމަށެވެ. އަަދި ސިޑްސްއަކީ އެ ބައްދަލުވުމުގައި ގޮވާލި ކަންކަމާއި ގުޅޭގޮތުން މަސައްކަތްކުރަން އުފެދުނު ވަރކިންގ ގްރޫޕެއްކަމަށާއި، އެ ގްރޫޕްގެ މަސައްކަތުގެ ސަބަބުން އދ ގެ އެންމެ މުހިއްމު އެޖެންޑާތަކާއި ހަމައަށްވެސް މި މައްސަލަ ގެނެވިފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގެ ނުރައްކާ ބޮޑުވެފައިވާއިރު، އެކަމުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަގާފަތާއި ތަރިކައަށްވެސް ނުރައްކާތައް ކުރިމަތިވަމުންދާކަމަށެވެ. އަދި އެ މައްސަލަތަކުގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން މޫސުމީ ކާރިސާތައް އިތުރުވެ، ދިރިއުޅުމުގެ ޙާލަތަށް އަސަރުކޮށް، ތަރައްޤީއަށް ހުރަސް އެޅި، އިޤްތިޞާދަށް ނުރައްކާތައް ކުރިމަތިވަމުންދާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން، ދެމެހެއްޓެނިވި އަވަސް ހައްލުތަކެއް ހޯދަންޖެހޭކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މައްސަލައަށް ހައްލުތައް ހޯދުމަށް ކުރެވޭނެ ކަންތައްތަކެއް އެބަހުރިކަމަށާއި، އޭގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދަ އިތުރުކޮށް، އެކަމަށް ބޭނުންވާ މާލީ އެހީ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަދަންޖެހޭކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދައާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރާ ހޭދައިގެ ފަރަގު ކުޑަކުރަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އެކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަން މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދަންޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މޫސުމީ ބަދަލުތަަކަށް ހޭނި، އެ ބަދަލުތަކަށް ކަންކަން ފަހިކުރުމަށްޓަކައި އެޑަޕްޓޭޝަން ފައިނޭންސިން މިހާރަށްވުރެ ދެ ގުނަ އިތުރުކޮށް، ފަސޭހައިން ލިބޭނެ މަގު ހަމަޖެއްސުމަށް ގޮވާލައްވާފައެެވެ. އަދި އެ ކަމުގައި އޮންނަ ދިގު މަރުހަލާތަކާއި އުނދަގޫ އުސޫލުތައް އުނިކުރަން ރައީސް މުޢިއްޒު ގޮވައިލެއްވިއެވެ. މީގެ އިތުރުން ލޮސް އެންޑް ޑެމޭޖް ފަންޑުގެ ބޭނުން ކުރުމަށާއި ޓެކްނޮލޮޖީގެ ގޮތުން އެހީތެރިކަން ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެެ.

އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދަ އިތުރުކުރުމަށް ބޭނުންވާ އެއްބާރުލުން ނުލިބި ޕެރިސް އެގްރިމަންޓާއި 2030 އެޖެންޑާގައި ހުރި ކަންކަން ހާސިލުނުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިދިޔަ 5 އަހަރު ތެރޭގައި މޫސުމީ ކާރިސާތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ބޮޑެތި ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެހެންކަމުން އެކަންކަމުން އަރައިގަތުމަށް ލޮސް އެންޑް ޑެމޭޖް ފަންޑަށް މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއަށް ރައީސް ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން