ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް އެހީތެރިވާން ޔޫ.އެސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫ.އެސް.އެއިޑް) އިން ތައްޔާރުކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރ ސެމޭންތާ ޕަވަރއާ އާއިއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ޔޫއެސްއެއިޑް ގެ އެޑްމިނިސްޓްރޭޓަރ ވަނީ، ރާއްޖެއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތައުރީފުކުރައްވާފައެވެ. އަދި މި ފަދަ ތަފާތު މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫއެސްއެއިޑުން ތައްޔާރުކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޕޭ ޕާލްގެ ޚިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާއި، އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް (އޯ.ޕީ.ޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، މި ދާއިރާއިން ހުރި ފުރުޞަތުތަކާމެދުވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާމެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭކަމުގެ ޔަޤީންކަންއަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން