ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު، ރައީސް ޞާލިހުގެ ކެބިނެޓްގެ ވަޒީރުންނަށް މިހާރު ބޭނުން ނުވާކަމުގައި މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

މަޖިލިސް ތެރެއިން ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމަށް ވޯޓްނެގުމަށް ބައެއް މެމްބަރުން މަސައްކަތް ކުރައްވާ މިދަނޑިވަޅުގައި ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް އިތުބާރު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ރީކޯ މޫސަ ވިދާޅުވީ ކެބިނެޓްގެ އެއްވެސް ވަޒީރަކު މިހާރު މަޖިލީހުގެ ރައީސްގެ އިތުބާރު ބޭނުން ނުވާކަމަށެވެ.

ވަކި ވަޒީރެއްގެ އިތުބާރު އޮތްކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައި މެޑެލް ޖައްސަވަން އުޅުއްވިނަމަވެސް، މިއަދު އެފުރުސަތު ނެތްކަން ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ވެއްދުމަށް ކުރައްވަމުންދިޔަ މަސައްކަތް ނާކާމިޔާބުވުމުން ސާފު ވެފައިވާކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެޖޯރިޓީއޮތީ ތިމަންނާ އަތުގައިކަމަށް ދެކިގެން ބޮޑު ބަދަލުތަކެެއް ގެންނަން ކުރެއްވި މަސައްކަތް މިނިސްޓަރ ފައްޔާޒުގެ ވޯޓާއިއެކު ނިމުމަކަށް އައިސް ނަޝީދުގެ މަސައްކަތް ނާކާމިޔާބު ވެފައިވާކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

"ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓަން ވަޒީރުންނަށް ދެން ކޮންމެހެން މަޖްލިސް ރައީސްގެ އިތުބާރު އޮތް ވާހަކަ ގޮވާކަށް ބޭނުމެއް ނުވޭ ހެން ހީވަނީ؟ ރައީސް ސޯލިޙްގެ ފުރިހަމަ ބާރު މަޖްލީހުގަ އަދި އޮތީމަތާ ރައީސް ނަޝީދަށް މިނިސްޓަރ ފައްޔާޒަށް ގޮތެއް ނުހެދިގެންއުޅެނީ." ރީކޯ މޫސަ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ޗެއަރމަން ޖާބިރު ކުރައްވަމުން ގެންދަވާ މަސައްކަތާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މިނިސްޓަރ ޝާހިދަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ޖާބިރު މަސައްކަތް ކުރައްވަމުންދަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވެފައިވާކަމަށާ، އެކަމުގެ ޒިންމާ ޝާހިދު ނަންގަވަން ޖެހޭނެކަމަށް ވިދާޅުވެއެވެ. އަދި ޤައުމުތަކާއެކު ހަމަހަމަ ގުޅުންތައް ގާއިމް ކުރުމުގައި މިސަރުކާރު ފެއިލްވެފައިވާކަމަށާ، އެކަން އެގޮތަށްވެގެން ދިޔައީ މިނިސްޓަރ ޝާހިދުގެ ސަބަބުން ކަމަށް ޖާބިރު ތުހުމަތުކުރައްވައެވެ.

މަޖިލިސް ތެރެއިން ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ވެއްދުމުގެ އަޑުތައް ގަދަވެފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވާ މިސަރުކާރުގެ "ބްރޯ" އާއި ޖެހި ރައީސް ނަޝީދުގެ ބާރު ހުރި މިނަވަރު ހާމަވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި މިކަމުގައި ރައީސް ޞާލިހުގެ ފުރިހަމަ އިތުބާރު ފައްޔާޒަށް އޮތްކަން ހާމަކުރި ހިސާބުން ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުހިނގާނެކަމުގެ ޔަގީންކަން ލިބުނު ކަމަށް އެމްޑީޕީ ޕާލިމންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން