ދަ ކޮމޮންވެލްތް އޮފް އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ހަރ އެކްސެލެންސީ ޕެނީ ވޮންގާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި، މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒާއި ޚާރިޖީ ވަޒީރު ވަނީ، ސަރަޙައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރައްވާފައެވެ. އެ ގޮތުން އިންޑިޔާކަނޑުގެ ހަމަޖެހުމާއި ސަލާމަތާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ކަންބޮޑުވުންތައް ޙައްލުކުރުމާއި ގުޅުން ބަދަހިކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ  އޮސްޓްރޭލިއާ ސަރުކާރުން ފަހިކޮށްދެއްވާ ސްކޮލަރޝިޕްގެ ފުރުސަތުތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުން ޙިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ޚާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން