ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، ޑރ. ވިވިއަން ބާލާކްރިޝްނާންއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ރާއްޖެއިން އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށާއި، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސިންގަޕޫރުގެ ޚާރިޖީ ވަޒީރާ ޙިއްސާކުރައްވާފަ އެވެ. ރައީސް ވަނީ އާންމު ބޯހިޔާވަހިކަމުގައި ފަންނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ރަސް މާލެއަކީ ޑިޖިޓަލް، ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ޚާރިޖީ ވަޒީރާ ޙިއްސާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒާއި ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމަށް މުހިންމު ކަންކަމުގައި ޚާއްޞަގޮތެއްގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އެއޯސިސް)އާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން