ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ވަކިވަކި މެމްބަރުން މަސައްކަތް ކުރެއްވި ކަމުގައި ވީނަމަވެސް އެއީ ރައްޔިތުންނަށް ފައިދާވާނެ ނިޒާމެެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީޖުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަހަރު ފެށުނީއްސުރެ ފެންނަމުންދާ އެއް މަންޒަރަކީ ނުވަތަ އިވެމުންދާ އެއް އަޑަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ނުވަތަ ރާއްޖޭގައި އޮތް ނިޒާމަކީ ރައްޔިތުންނަށް ފައިދާހުރި ރަނގަޅު ނިޒާމެއް ނޫންކަމަށް ވިދާޅުވެ ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް ފަހި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބައެއް މެންބަރުން މަސައްކަތްކުރައްވައި އެވާހަކަ އެކި ގޮތްގޮތަށް ދައްކަވައި ރައްޔިތުންނަށް އެކަން ވިސްނައި ދެވޭތޯ މަސައްކަތް ކުރަމުންދާ މަންޒަރެވެ. މިހާރު ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަށް އެންމެބޮޑަށް ދެކޮޅު ހައްދަވާ އެއް ބޭފުޅަކީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހާރު މިއޮތް ވެރިކަމުގެ ނިޒާމަކީ ރާއްޖޭގެ ރައްޔިތުންނަށާއި، ޤައުމަށްވެސް އެންމެ ފައިދާހުރި ރަނގަޅު ނިޒާމުކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވަން މަސައްކަތް ކުރައްވަނީ އަމިއްލަ މަސްލަހަތާއި އަމިއްލަ ފައިދާއަށްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"މަޖިލިސް މެމްބަރެއްގެ އަމިއްލަ ޒާތީ މަންފާއަށް ވިސްނާ ނަމަ ރަނގަޅީ ބަރުލަމާނީ. ނަމަވެސް ރައްޔިތުންގެ މަސްލަހަތަށް އަދި ޤައުމުގެ ހަމަ ޖެހުމަށް ރަނގަޅީ ރިޔާސީ ނިޒާމް." ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިކަމުގައި ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަކަށް އެމަނިކުފާނު ތާއީދު ކުރައްވަނީ އެއީ ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަށް ވުމުން ކަމަށެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތްޕުޅުގައި އުޅުއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެގޮތަށް ބޭނުންފުޅު ވުމުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެން މުހިއްމު ކަންކަން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށެވެ. އިސްކަން ދެއްވަނީ ފަސް އަހަރަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ވެރިކަން ހިންގާނެ ނިޒާމާ މެދު ރައްޔިތުން ކުރިން ގޮތެއް ނިންމާފައި އޮތް ކަމެވެ. ގާނޫނުއަސާސީ އެކުލަވާލި އިރު ވެރިކަން ހިންގާނެ ނިޒާމަކާ މެދު 2007 ގައި ނެގި ވޯޓުގައި ރައްޔިތުން ބުރަވީ ރިޔާސީ ނިޒާމަށެވެ. އެކަމަކު އޭރު ވެސް އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެވެ. ރައީސް ވިދާޅުވީ ނިޒާމް ކަނޑައެޅުމުގައި ދެން ވެސް ދާން އޮތީ ރައްޔިތުންގެ ގާތަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން