ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން 9 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވާ މިއަދު ނެރުއްވި، ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާއާއި ގުޅޭ ހާއްސަ އޮޑިޓު ރިޕޯޓުގައި ވަނީ އެ ކުންފުނީގެ ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާކަމަށް ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ، 2017 އިން 2020 ވަނަ އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު 4.23 މިލިއަން ރުފިޔާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 4.15 މިލިއަން ރުފިޔާ އެންމެފަހުން ހަވާލުވިކަމަށް، ކުންފުނީގެ ރެކޯޑުތަކުން ދައްކަނީ އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން 2024 ވަނަ އަހަރު ބަލައިގެންފައިވާ 31 ހާސް ރުފިޔާ ވެސް ބެންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ހާމަވެފައިވާކަމަށް ރިޕޯޓުގައިވެއެވެ. އަދި ޑޮލަރު ގަތުމަށް ޖުމުލަ 5.79 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ކުންފުންޏަށް ލިބިފައިވަނީ 1.20 މިލިއަން ރުފިޔާއަށްވާ 76 ހާސް ޑޮލަރު ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އޮޑިޓްގައިވަނީ، އެ ފައިސާގެ ތެރެއިން ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ އެކައުންޓަށް 1.16 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ. އޭގެ އިތުރުން، ރާއްޖޭން ބޭރުގެ ފަރާތްތަކެއްގެ ބިލްތަކަކަށް ފައިސާ ދެއްކުމަށް އެއްބިލްތަކެއް ބޭނުންކޮށްގެން ތަކުރާރުކޮށް ޑޮލަރު ގަތުމުގެ ނަމުގައި ޕީއެސްއެމްގެ ރުފިޔާ އެކައުންޓުން ފައިސާ ނެގުމަށްފަހު އެ ބިލްތަކަށް ދައްކަންޖެހޭ ފައިސާ އަލުން ޕީއެސްއެމްގެ އެކައުންޓުން ދެވަނަ ފަހަރަށް އެބިލުތަކަށް ފައިސާ ދައްކާފައިވާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކުރީގެ ފައިނޭންސް ޑިރެކްޓަރު ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މަގާމުން ސަސްޕެންޑް ކޮށްފައެވެ.

ރިޕޯޓުގައި ވަނީ، މި މައްސަލަތަކާއި ގުޅިގެން އެކަމުގެ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ލަފާދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން