ދައުލަތުގެ ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅާކަމަށް ސަރުކާރުން ބުނިނަމަވެސް، ޚަރަދު ކުޑަކުރަން ޖެހިފައިވާ ކަންކަމުން ޚަރަދު ކުޑަކުރުމުގެ ބަދަލުގައި ސަރުކާރުން އެކަންކުރަނީ އެއާއި އިދިކޮޅަށްކަމަށް އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ ޢަލިމަނިކު ވިދާޅުވެއްޖެއެވެ.

މިރޭ އޮތް އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރަން ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމިޔަސް އެ ފިޔަވަޅުތައް އަޅަނީ އާންމު ރައްޔިތުންނަށް ދަތިވާފަދަ ކަންކަމަށް ކަމަށެވެ.

އަދި އެކި ނަންނަމުގައި ސިޔާސީ މަގާމުތަކަށް ބޮޑު މުސާރައިގައި މީހުން ނެގުން އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ، ސިޔާސީ މަގާމުތަކަށް މީހުން ނަގަމުންދާއިރު، މި ސަރުކާރު ގެންނަން މަސައްކަތްކުރި ރަށްރަށުގެ މީހުން ތިބީ ކުންފުނިތަކުގެ ވަގުތީ ވަޒީފާތަކެއްގައި ކަމަށާއި އެ މުވައްޒަފުންގެ ވަޒީފާ ދާއިމީ ކޮށްދޭން ސަރުކާރުން ނޫޅޭ ކަމަށެވެ.

އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ނުވާކަމަށާއި ވަނީ އިތުރު ކަމަށާއި ލިބޭ އާމްދަނީ ވެސް ދަނީ އިތުރުވަމުން ކަމަށާއި ދިމާވެގެން އުޅެނީ އިގުތިސާދު މެނޭޖުކުރަން ނޭނގުމުގެ މައްސަލައެއްކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން