އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ޤައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގެ ތެރޭގައި ގުނާލެވޭ ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ "ޑީންސް ލީޑަރޝިޕް ސީރީސް"ގައި ދެއްވި ތަޤުރީރެއްގައެވެ.

މި ތަގުރީރުގައި ރައީސް މުޢިއްޒު ވަނީ ހަލުވި ދުވެއްޔެއްގައި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަޅިއަޅުއްލައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށެވެ. އަދި ޝާމިލު، ފުދުންތެރި މުޖުތަމަޢެއްގެ ގޮތުގައި ޤައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބައިނަލްއަޤުވާމީ މާލީ އާކިޓެކްޗަރ އިސްލާޙުކުރުމަކީ އެ މަނިކުފާނުގެ ޢަޒުމެއްކަމަށް ރައީސް ވިދާޅުވިއެވެ. މޫސުމީ ކާރިސާއެއް އަޔަނުދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އަޑުއުފުލުމުގައި ދިވެހިރާއްޖެ އަދާކުރާ އިސް ދައުރުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މި ތަގުރީރުގައި ތިމާވެށި ޙިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނޭކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރުމަށް ރާއްޖޭގައި މަސައްކަތްތަކެއް ކުރާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



މިއަދުގެ ތަޤުރީރުގައި ރައީސް ވަނީ، ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން މުހިއްމުވީ ސަބަބުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ރައީސްގެ ތަޤުރީރު ކުރިއަށް ގެންދަވަމުން، އަދުގެ ބައިނަލްއަޤުވާމީ ނިޒާމު ބިނާވެފައި އޮތް އަސާސީ އުޞޫލުތަކަކީ، ޤައުމުތަކާއި ދައުލަތްތަކުގެ މެދުގައި އިސްތިޤުލާލަށް އަދި އިސްތިޤުލާލީ ހަމަހަމަކަމަށް އިޙްތިރާމްކުރުމުގެ ސިފަ ދެމެހެއްޓުންކަމަށް ވިދާޅުވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތައް ކުރިއަރައިގޮސް، ފުދުންތެރިވުމަށް، އެ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.

ޣައްޒާގައި ހަނގުރާމަކޮށް ނަސްލު ނައްތާލުމުގެ ޤަތުލުއާންމު ހިންގަމުން ގެންދާ މި ދަނޑިވަޅުގައި، އިސްވެ ދެންނެވި އުޞޫލުތައް ހިފަހައްޓަމުން ދިއުމަކީ އެމެރިކާގެ މުއައްސަސާތަކަށް ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޔުނިވަރސިޓީތައް ދެމިތިބެން ވާނީ، ސުލްޙަވެރިކަމާ، ޒިންމާދާރުކަމާ، މުޖުތަމަޢަށް ލާބައާއި މަންފާ ދެނިވި، މުޒާހަރާތައް ކުރުމަށް އޮތް ޙައްޤަށް އިޙްތިރާމްކުރާ، އަދި ފިކުރާއި ޚިޔާލު ފާޅުކުރުމުގެ ވަރުގަދަ މައިދާންތަކެއްގެ ގޮތުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ޒިޔާރަތަކީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އެޑްވަރޑްސް އެސް. ސެންފޯޑް ޕްރޮފެސަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް، ޑީން އަމާނީ އޭ. ޖަމާލްގެ ދަޢުވަތަކަށް، "ޑީންސް ލީޑަރޝިޕް ސީރީޒް" ގެ ދަށުން ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި ޑީން އަމާނީ އޭ. ޖަމާލާ ބައްދަލުކުރައްވައި، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނޭ ދާއިރާތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން