ރާއްޖެއާއި އިންޑިއާއާއި ދެމެދު އެއްވެސް މައްސަލަ އެއް ނެތް ކަމަށާއި އެގައުމާއި ދެކޮޅު އެޖެންޑާ އެއް ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގައި މެހެމާނެއްގެ ގޮތުގައި ރޭ އެ ޔުނިވާސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެއް އިރެއްގައި ވެސް "އިންޑިއާ އައުޓް" ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި މައްސަލައަކަށް ވެފައި އޮތީ އިންޑިއާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެދޭކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ގައުމަކާ އެއްވެސް އިރެއްގައި ދެކޮޅެއް ނޫން. އެއީ 'އިންޑިއާ އައުޓް އެއްނޫން ބޭރުގެ މިލިޓަރީ މި ފަސްގަނޑުގައި ތިބުމުގެ ސީރިއަސް މައްސަލައެއް ރާއްޖެއަށް އޮތީ ކުރިމަތިވެފައި،" ރަައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިންޑިއާ ސަރުކާރާއި ޑިޕްލޮމެސީގެ ރީތި އުސޫލުން ވާހަކަ ދައްކައިގެން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލެވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމުގެ މަސައްކަތުގައި އެގައުމުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިވެހި ސަރުކާރަށް ލިބުނު ކަމަށެވެ. އަދި އިންޑިއާއިން ހަދިޔާ ކޮށްފައިވާ ޑޯނިޔާ އާއި ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި މިހާރު ތިބީ އެގައުމުގެ ސިވިލިއަނުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެ ޑެޕިއުޓީ މިނިސްޓަރަކު މަލާމާތް ކުރި މައްސަލަ ވެސް ކުށްވެރިކުރަށްވާފައެވެ. ރައީސް ވިދާޅުވީ އެކަމާ ގުޅިގެން އަޅުއްވަން ޖެހުނު ފިޔަވަޅު އެމަނިކުފާނު އަޅުއްވާފައިވާނެ ކަމަށެވެ. އަދި އެއްވެސް މީހަކާ ދިމާލަށް އެގޮތަށް އެއްޗެހި ބުނުމަކީ އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭނެ ކަމެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން