ވިއްސާރަވުމުގެ ސަބަބުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކަރަންޓްގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މެދުކަނޑާލާފައި އޮތުމަށް ފަހު މާދަމާ އަނެއްކާވެސް އެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ފަށާނީ މާދަމާ ހެނދުނު ކަމަށެވެ. އެގޮތުން ފުރަތަމަ މަސައްކަތް ފަށާނީ، މާލެ ސިޓީ، ހަނދުވަރީ ހިނގުން، އަމީނީ މަގު، ބުރުޒު މަގު، ޢިއްޒުއްދީން މަގު އަދި ދިލްބަހާރު ހިނގުން ހިމެނޭ ސަރަޙައްދުގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންކަމުން މާދަމާ ހެނދުނު 09:30އާއި 10:15އާ ދެމެދު އެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެެވެ.

ސްޓެލްކޯއިން ބުނީ، މާދަމާ މެންދުރުފަހު 14:00 އާއި 15:00 އާއި ދެމެދު މާލެ ސިޓީ، ކަނބާއައިސާރަނި ހިނގުން، ބްލޫކިޔާ މަގު، ޝަހީދު ޢަލީ ހިނގުން، މުރަނގަ މަގު އަދި ބުރުޒު މަގު ހިމެނޭ ސަރަހައްދުގައިވެސް ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިޔަށްދާ ވަގުތު އެ ސަރަހައްދުންވެސް ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ވަނީ، އެ މަސައްކަތްތައް ކުރިޔަށްދާއިރު، އެކުންފުނިން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން