މުޅި ދުނިޔެއަށް ހުޅުވާލައިގެން ރާއްޖޭގެ ރީތިކަން ދައްކާލަން މުބާރާތެއް ބާއްވަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނިންމައިފިއެވެ.

އެމްއެމްޕީއާރްސީން ބުނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ދައްކާލުމަށް "މޯލްޑިވްސް މޯމަންޓްސް 2024" ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި މުރާބާތް ބާއްވަނީ ވިޒިޓް މޯލްޑިވްސްއާއި ގުޅިގެން ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވާއިރު މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ހަރަކާތުގެ އަމާޒަކީ ބައިވެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން ރާއްޖޭގެ ހިތްގައިމު ރީތިކަމާއި މުއްސަނދި ސަގާފަތާއި ރާއްޖޭން ފަތުރުވެރިންނަށް ލިބެން ހުރި ތަފާތު ތަޖުރިބާތައް މުޅި ދުނިޔެއަށް ދައްކާލުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއެމްޕީއާރްސީއިން ބުނީ އެ މުބާރާތުގެ ތެރެއިން ރާއްޖޭގެ އެންމެ ހިތްގައިމު ފޮޓޯތައް ނުވަތަ ވީޑިއޯތައް ޝެއާ ކުރުމަށް ބައިވެރިންނަށް ދައުވަތު ދޭނެ ކަމަށާއި، "މޯލްޑިވްސް މޫމަންޓްސް 2024" ހޭޝްޓެގް ބޭނުންކޮށްގެން ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ޓްވިޓާ ނުވަތަ ލިންކްޑްއިންގައި ސަބްމިޝަން އާއެކު ކުރު ތަފްސީލެއް ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ރަށެއްގައި އިރުއޮއްސޭ ހިތްގައިމު މަންޒަރެއް ކަމުގައި ވިޔަސް، ކަނޑުއަޑީގެ ތަޖުރިބާއަކަށް ވިޔަސް، ނޫނީ ސަގާފީ ތަޖުރިބާއެއް ކަމުގައި ވިޔަސް، އެ މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ނަލަކަން ދައްކުވައިދިނުމަށް ހިތްވަރުދޭ ކަމެއް ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

18 އަހަރުފުރިފައިވާ ކޮންމެ ގައުމެއްގެ މީހަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. ކޮންމެ ބައިވެރިއަކަށް ވެސް އޮރިޖިނަލް ތިން އެންޓްރީއެއް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީން ބުނީ މި މުބާރާތަށް އޭއައި އިން އުފައްދާ ކޮންޓެންޓް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ފަނޑިޔާރުކުރުމުގެ ކްރައިޓީރިއާގައި ބަލާނީ އެސްތެޓިކް ކޮލިޓީ އާއި ޓެކްނިކަލް ކޮލިޓީ އާއި ތީމް ރެޕްރެޒެންޓޭޝަންގެ އިތުރުން އެހެނިހެން ތަފާތު ކަންކަމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް ހަތަރު ރޭގެ ހާއްސަ ޗުއްޓީއެއް ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްގެ ހެޔޮއެދުންތަކާއި އެކު ސްޕޮންސާކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. އަދި އެފަރާތުގެ ހުށަހެޅުން ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކާއި އެހެނިހެން ޕްރޮމޯޝަނަލް ހަރަކާތްތަކުން ފެންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން