ރައްޔިތުންގެ ހިންހަމަ ޖެހުމަށްޓަކައި ހަދާފައިވާ ތަންތަން ވީރާނާކޮށް ނެތިކޮށްލުމަކީ ސަރުކާރުން ރައްޔިތުންނަށްދޭ ވަރަށްބޮޑު އަނިއްޔާއެއް ކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްފަންނުގެ ވެލިމަގުގެ ގޮތުގައި ތަރައްގީކުރި ބޮޑުތަކުރުފާނުމަގުގެ ބައި، ގާއެޅުމަށްފަހު އުޅަނދުފަހަރަށް ދުއްވޭ ގޮތަށް އަލުން ހުޅުވާލުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވީދާޅުވީ ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަޖެހުމުގެ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުސަތު ހޯދައި ދިނުމަށް ހެދިފައިވާ ވަރަށް ފުރިހަމަ ތަނެއްކަމަށެވެ.

މާލޭގައި އެތައްބަޔަކު ތޮއްޖެހިގެން ހާސްކަމުގައި ދިރިއުޅެމުންދާއިރު، އާއިލާތަކާއި، އެކުވެރިންނާއި ރައްޓެހިންނާއި، މުޖުތަމައުގައި އުޅޭ އިސްރަށްވެހިންނަށްވެސް ހިތްހަމަޖެހުން ގެނުވާގޮތަށް ތައްޔާރު ކުރެވިފައިވާ މިތަން ވީރާނާކޮށް ނެތި ކޮށްލުމަށް ކުރެެވޭ މަސައްކަތަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިއީ މާލޭގައި އޮތް ހާސްކަން އިތުރަށް ބޮޑުކުރުމަށް ކުރެވޭ މަސައްކަތްތަކެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރަސްފަންނު ވެލި މަގުނެގުން. ތޮއްޖެހިފައިވާ މާލޭގައި އާއިލާތަކާއި، ކުޑަކުދިންނާއި، އިސް ރަށްވެހިންނާއި، ރަހުމަތްތެރިންގެ ރައްކާތެރިކަމާއި، ހިތްހަމަޖެހުމާއިއެކު ނިކުމެލާ ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހެދިފައިހުރި އެންމެހައި ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން ގެއްލުން އެދެވެނީ ރައްޔިތުންނަށް!" މުއިއްޒު ވިދާޅުވިއެވެ.

ރަސްފަންނު ހެދިއިރު މ. ރާވެރިގެއިން ފެށިގެން ވެސްޓްޕާކާ ހަމައަށް ބޮޑުތަކުރުފާނުމަގު އޮތީ ބަންދުކުރުމަށްފަހު ވެލި އަޅައި އުސްކޮށް، ހިނގާ މީހުންނަށް ހާއްސަ ތަނަކަށް ހަދާފައެވެ. މާލޭސިޓީ ކައުންސިލުން ބުނެފައިވަނީ އުޅަނދުފަހަރަށް ދުއްވޭ ގޮތަށް އެމަގު އަލުން ހުޅުވާލީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ މަހު ފެށި މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ކުރިން ވެސްޓްޕާކު ހުރި ސަރަހައްދު ވެސް މިހާރު ވަނީ ހުސްކޮށްފަ އެވެ. މި މަޝްރޫއުގެ ތެރެއިން މާލޭގައި މިނީ ބަސް ހިދުމަތް ވެސް ފެށުމަށް ނިއްމައިފައިވާއިރު ކުރިން ވެސްޓްޕާކު ހުރި ސަރަހައްދުގައި މަގާ އިންވެގެން އަޅާނީ ބަސް ސްޓޮޕެއް ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ތަރައްގީ ކުރުމަށް ރާވާފައިވަނީ މާލޭގެ އެންމެ ހުޅަނގުންނެވެ. ކައުންސިލުން ބުނީ ވެލި މަގު ހުޅުވާލުމާއެކު ޓްރެފިކަށް ބާރުބޮޑުނުވެ، ކަނބާއައިސާރަނި ހިނގުން އަދި އެމަގާއި ގުޅިފައިހުރި ގޯޅިތައް ތަރައްގީ ކުރަން އެ މަގުތައް ބަންދުކުރެވޭނެ ކަމަށެވެ. ކަނބާއައިސާރަނި ހިނގުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގުން މާލެ ވަށައި ދުއްވޭނޭހެން ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ.

ރައީސެއްގެ ވަޢުދަކަށް ވިޔަސް ނުވިޔަސް މިފަހަކަށް އައިސް ފެންނަ މަންޒަރަކީ އެއްވެރިކަމެއްގައި ކުރާ އިމާރާތްތަކާއި ހަދާ ތަންތަނާއި ތަރައްގީކުރާ ކަންކަން، އަނެއް ރައީސަކު ނުވަތަ ޕާޓީއަކުން ވެރިކަމަށް އައިސް އެތަންތަން ސުންނާފަތިކޮށް، ރޫޅާ، ތަޅައި، ބޭކާރު ޚަރަދު ތަކަށްކަށް ހަދާލާ މަންޒަރަރު ކަމަށް ގިނަ ބަޔަކު މިއަދު ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އަޒީ

23-Aug-2020

ރަސްރަނި ބަގީޗާވެސް ހަލާކުކޮށްލީ ނުވިތާކަން ސްނޯކުޅެން ހެދި ތަންވެސް ފަނާކޮށްލައިފި.. މީވާ ސަރުކާރެއް..



ޓްރެންޑިން