ރާއްޖޭގައި ހޮޓެލް ސުކޫލެއް ގާއިމްކުރުމަށް ސްވިޒަލޭންޑުގެ ހޮޓެލް ސުކޫލަކާއި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބެއްގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ރާއްޖޭގައި ހޮޓެލް ސުކޫލެއް އެޅުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގައި ހޮޓެލް ސުކޫލެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހޮޓެލް ސުކޫލެއް އެޅުމާއި ގުޅޭގޮތުން ސްވިޒަލޭންޑުގެ ހޮޓެލް ސުކޫލަކާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ހޮޓެލް ސުކޫލް ގާއިމްކުރާނީ އެކަމަށް ވަކި ޚާއްސަ ރަށެއްގައި ކަމަށެެވެ.

"އެތަން ޑިވްލޮޕް ކުރުމުގެ މަސައްކަތް ރައީސް ބޭނުންފުޅުވަނީ ވަކި ރަށެއްގައި، އެ ހޮޓެލް ސުކޫލް އަޅަން ޓޫރިޒަމް ވެސް އެތަނުގައި ކުރިއަށްދާ ގޮތަށް މިކަން ކުރަން، އެހެންވީމަ އަޅުގަނޑުމެން މިހާރު މިނިސްޓްރީ އިން އެ މަސައްކަތް ކުރަމުން އެދަނީ. އަޅުގަނޑަށް ވަރަށް އުއްމީދު އެބައޮތް މިކަން ވެސް އަޅުގަނޑުމެންނަށް ހާސިލްކުރެވޭނެ ކަަމަށް." ފައިސަލް ވިދާޅުވިއެވެ.

މީގެކުރިން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހޮޓެލް ސްކޫލު ގާއިމުވެގެން ދިޔުމުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި މިހާރު ތިބި ބިދޭސީން މަދުކޮށް ދިވެހިން އިތުރުކުރެވޭނެ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީގެ ޓޮޕް މެނޭޖްމެންޓުގައި އެބަތިބި ބޭރުގެ ފަރާތްތައް. އެ ފަރާތްތަކުގެ ރިޕްލޭސްމަންޓްގެ ގޮތުގައި ރާއްޖެއަށް އެންމެ މުހިންމު ވަނީ ހޮޓެލް ސްކޫލެއް،" އޭރު ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ހޮޓެލް ސްކޫލުގެ މަސައްކަތް ދެ އަހަރު ދުވަސްތެރޭ ނިންމައިލެވޭނެ ކަމަށެވެ. އަދި ހޮޓެލް ސްކޫލާ އެކު އޭގެ ހެޔޮ ނަތީޖާ ގައުމުގެ އިގުތިސާދަށް ވެސް ކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން ބޭރުގެ ފަރާތްތަކަށް ލިބޭ ފައިސާ ގައުމުން ބޭރުވުން މަދުކުރުމާއި ޑޮލަރު ބޭރުވުން ވެސް މަދުކުރެވިގެންދާނެ ކަމަށް ފައިސަލް މީގެ ކުރިން ވަނީ ވިދާޅުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން