މާލޭގެ ފިހާރަ އެއް، ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ވަނީ ހައްޔަރުކޮށްފައި
މާލޭގެ ފިހާރަ އެއް، ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ވަނީ ހައްޔަރުކޮށްފައި
މާލޭގެ ފިހާރައަކަށް ފޭކު ބޭންކް ސްލިޕު ފޮނުވައިގެން އޮޅުވާލައިގެން މަކަރާ ހީލަތުން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އެމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެެވެ. އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިއްމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެމީހާގެ މައްޗަށް ކުރެވޭ ތުހުމަތަށް އޭނާ އިންކާރުކޮށް ފޭކު ސްލިޕް ފޮނުވީ އޭނާ ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފިހާރަ އަށް ވިޔަފާރި ކުރަން ދިޔައީ އިތުރު މީހަކާއި އެކު ކަމަށް ކޯޓުގައި ބުނެފައިވާ ކަަމަށް އަމުރުގައިވެއެވެ.

ފުލުހުންނާއި ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ އެމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ ގެންގުޅުނު ފޯނުން ފޭކް ސްލިޕް ތަކެއް ފެނިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހާދިސާ ރިޕޯޓާއި ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު އެމައްސަލައިގެ ތުހުމަތެެއް ވުޖޫދުވާ މިންވަރަށް ހެކި ހުރި ކަމަށް ފެންނާތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އޭނާ ބަންދުކުރަން ނިންމީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ.

ކޯޓު އަމުރުގައިވާގޮތުން އެމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއަކީ ބަންދު ލޮގު އޮތް ކުށުގެ ރިކޯޑް އޮތް މީހެކެެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ފަހަކަށް އައިސް ފޭކް ސްލިޕް ފޮނުވައިގެން މަކަރާ ހީލަތުން ވިޔަފާރި ކުރާ މައްސަލަތައް ވަނީ އިތުރުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން