އާންމު ރައްޔިތު މީހާ މުޅި ދުވާލު އެކީ މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް 8،000 ރުފިޔާ ނުލިބޭއިރު، މަޖިލީޖުގައި ހަފުތާއަކު މަދު ދުވަސްތަކެއްގައި މަދު ވަގުތު ކޮޅެއް ހޭދަކޮށް މަސައްކަތް ކޮށްގެންވެސް 80،000 ރުފިޔާ ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ މަޝްހޫރު ވިޔަފާރިވެރިޔާ ކެޕްޓަން އަލީ އިހުސާން އާންމު ރައްޔިތުންނާއި މެމްބަރުންގެ ހުރި ފަރަގު ހާމަކޮށްދެއްވައިފިއެވެ.

ރާއްޖޭގެ އެންމެބޮޑު އެއްވިޔަފާރިކަމުގައިވާ ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖާ ކެޕްޓަން އަލީ އިހުސާން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އާންމު ރައްޔިތުންނާއި، މަޖިލީހުގެ މެމްބަރުންނާއި ދެމެދު ހުރި ފަރަގު އަދަދުން ހާމަކޮށްދެއްވާފައެވެ. ގިނަ އަދަދެއްގެ މުވައްޒިފުންނާއިއެކު މަސައްކަތް ކުރައްވަމުންދާ އިހުސާން ވިދާޅުވީ މަޖިލީހުގެ މެމްބަރަކު އަހަރެއްގެ ތެރޭގައި 9 މަސް ދުވަސް މަސައްކަތް ކުރައްވާއިރު، ހަފުތާއަކު މަސައްކަތް ކުރައްވަން ޖެހި ވަޑައިގަންނަވަނީ ގިނަވެގެން 4 ދުވަހު، 4 ގަޑިއިރާއި 6 ގަޑިއިރާ ދޭތެރޭގެ މަދު ވަގުތުކޮޅެއްގައި ކަމަށެވެ. ނަމަވެސް މެމްބަރަކަށް މަހަކު 80،000 ރުފިޔާ އަށް ވުރެ މަތީ މުސާރަ ލިބިވަޑައި ގަންނަވާކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާންގެ ޓްވީޓްގައި ރާއްޖޭގެ އާންމު މަސައްކަތްތެރިން ދުވާލު ހަތަރު ދަމު ކުރާ މަސައްކަތުގެ އަންދާޒާތަކެެއްވެސް ހިއްސާ ކުރައްވާފައިވެއެވެ. އޭނާ ވިދާޅުވީ ކޮންމެ އަހަރަކު 11 މަހު ކޮންމެ ހަފްތާއަކުވެސް މަދުވެގެން 5 ނޫނީ 6 ދުވަހު 8 ގަޑިއިރާއި، 10 ގަނޑިއިރު މަސައްކަތް ކޮށްގެން އެވްރެޖް އާންމު ރައްޔިތަކަށް ގެއަށް ގެންދަން ލިބެނީ 8،000 ރުފިޔާކަމަށެވެ. ނަމަވެސް އިހުސާން މި ހިސާބުތައް ލިޔުއްވުމަށްފަހު އެއްވެސް ބަޔަކަށް އެއްވެސް ފާޑެއް ވިދާޅުވެފައެއް ނުވެއެވެ.

މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 82،000ރ. ލިބިވަޑައިގަންނަވަ އެެވެ. އެކަމަކު ކޮވިޑް-19 އާއި ގުޅިގެން އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާ އެކު މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ވަނީ ކުޑަކޮށްފަ އެވެ. އެހެންވެ މިހާރު ކޮމިޓީ އެލަވަންސާ އެކުގައި ވެސް މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 69،750.ރ އެވެ.

އިންތިހާބުގެ ތެރޭގައި މެމްބަރުންގެ ވައުދުތައް ގިނަ އެވެ. ދީލަތިކަން ބޮޑެވެ. ހޮވިއްޖެ ނަމަ ބޭސްކޮށްދިނުމާއި ބޭރަށް ކިޔަވަން ފޮނުވައިދިނުން ފަދަ ކަންކަމަކީ، ބައެއް މެމްބަރުންގެ ވައުދުތަކެވެ. އޭރު އޮންނަނީ ދާއިރާގެ ގިނަ ބަޔަކަށް މާލީ ގޮތުން ވެސް އެހީތެރިވެދީފަ އެވެ. އެކަމަކު ހިތާމަހުރި ކަމަކީ، އެއީ ހުއްޓުން އައިސްގެން ނުވާނެ އެހީއެއް ކަމަށް، ބައެއް އާންމުންނަށް ވިސްނުމެވެ. އަދި މިގޮތަށް ފައިސާ ދީގެން ގޮނޑި ހޯދުމަކީ ފަހުން އެކަމާއި ހިތާމާ ކުރަން ޖެހޭނެ ކަމެއްކަން ރާއްޖޭގެ މިއަދުގެ ތަޖުރިބާއިން ވެސް ދަނީ ހާމަވަމުންނެވެ.

މެމްބަރުންގެ މުސާރަޔާއި އިނާޔާތް ބޮޑުކަމުގެ ޝަކުވާއަކީ އަބަދުވެސް އާންމު ރައްޔިތުންނާއި ބައެއް ޖަމިއްޔާ ޖަމާއަތް ތަކުން ކުރާ ޝަކުވާއެކެވެ. އެކަމަކު މިދެންނެވި ބައެއް ޖަމިއްޔާ ޖަމާއަތްތަކުން އެކަން ކުރަނީ ވަކި ހާލަތެއްގައި ވަކި މޫސުމެއްގައިކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މެންބަރުންގެ މުސާރައާއި މެންބަރުންގެ އިނާޔަތްތަކާއި މެންބަރުންގެ ފުޅާ އިމްތިޔާޒާއި މެންބަރުންގެ މަސައްކަތުގެ އަޚުލާގާއި ސަލާމް ބުނުމާއި މަސައްކަތަށް ނުކުންނަ ދުވަހާއި ހޭދަކުރައްވާ ވަގުތާއި ބެހޭ ގޮތުން އެންމެ ބޮޑަށް ފާޑުކިޔައި ބަޔާން ނެރެ އެކި ފޯރަމް ތަކުގައި އެކަމާއި މެދު ބަހުސްކޮށް އެންމެ އިސްކޮށް އުޅުނު ޖަމިއްޔާއަކީ ޓްރާންސް ޕޭރެންސީ މޯލްޑިވްސް ނަމަކަށް ކިޔާ ޖަމިއްޔާއެކެވެ. ނަމަވެސް މިހާރު އެ ޖަމިއްޔާއިންވެސް އެފަދަ ޝަކުވާއެއް، ބަހުސެއްގެ އަޑެއް ނީވޭކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

މަޖިލީހުގެ ތެރެއިން އާންމު ރައްޔިތުންގެ މާލީ ކަންކަން ހަމަޔަކަށް އެޅުވުމަށް އެންމެ ކުޑައުޖޫރަ ކަނޑައެޅުމަށްވެސް މެމްބަރުން ވަނީ ނުކުޅެދިފައެވެ. ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ފޮތި އިތުރުކުރުމަށް ކުޑަވާއިނގިލި ހިއްލާލާތަންވެސް މެމްބަރުންގެ ކިބައިން ފެނިފައިނުވާކަމަށް ގިނަ ބަޔަކު ބުނެއެވެ. އެންމެ ކުޑައުޖޫރަވެސް އޮތީ މަޖިލީހުގައި ތާށިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން