އދގެ 79 ވަނަ އާންމު މަޖިލީހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް އުފެއްދުންތެރި ކާމިޔާބު ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެެ.

އދގެ 79 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު މިއަދު ވަނީ ނިންމަވާލައްވާފައެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ މިދަތުރުފުޅުގެ ތެރެއިން ދިވެހިންގެ އަޑު ދުނިޔޭގެ މަސްރަހަށް އިއްވައިދީފައިވާ ކަމަށާއި މިއީ ވަރަށް ކާމިޔާބު އުފެއްދުންތެރި ދަތުރުފުޅެއް ކަމަށެވެ.

އަދި އެމަނިކުފާނުގެ މިދަތުރުފުޅާއެކު ރާއްޖެ އަކީ ދުނިޔޭގެ މަސްރަހުގައި އިޙްތިރާމް ލިބިފައިވާ، ބައިނަލްއަޤްވާމީ މަޝްރަހުގައި އެކި ދާއިރާތަކުން އުފެއްދުންތެރި ދައުރެއް އަދާކުރާ، އަދި ބަސްބުނަން ޖެހޭ ކަންކަމުގައި ބަސްބުނަން ކެރޭ ޤައުމެއްކަން ސާބިތު ކޮށްދީފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ރައީސް ޑޮކްޓަރ މުޢިއްޒު މިދަތުރުފުޅުގައި ޔޫއެންޖީއޭ 79 ވަނަ ސެޝަންގެ ޖެނެރަލް ޑިބޭޓް، ނުވަތަ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އދގެ ސަލާމަތީ މަޖިލީހުގައިވެސް ތަޤުރީރު ކުރައްވާފައެވެ. މިއީ މީގެ 59 އަހަރު ކުރިން، އދގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ޤައުމުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު، އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ ބޭރު ގައުމުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، މަޝްވަރާތައް ވަނީ ބާއްވަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން