ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެ އޮތީ ދުނިޔެއާ ވަކިކޮށްފައި ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ، އދގެ 79 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފާޑުވިދާޅުވެ ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ވެސް އެންވަޔަރަމެންޓް މިނިސްޓަރުކަން ކުރެއްވި ތޯރިގު އިބްރާހިމް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައީ އދގެ އާންމު މަޖިލީހަށް އެންމެ ފަހަރަކުވެސް އެމަނިކުފާނު ވަޑައިނުގެން ހުންނަވަނިކޮށް ކަމަށެވެ. ގިނަ ދައުލަތްތައް ހިމެނޭ ޑިޕްލޮމަސީ އަށް އެމަނިކުފާނު ޝައުގުވެރިކަމެއް ނުދެއްވި ކަމަށް ތޯރިގް ވިދާޅުވިއެވެ.



އެގޮތުން ތޯރިގް ފާހަގަކުރެއްވިގޮތުގައި 2015 ވަނަ އަހަރު ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ މަޝްވަރާތަކަށް އަދި ޕެރިސް އެއްބަސްވުމުގައި ސޮއިކުރުމަށް ދުނިޔޭގެ ލީޑަރުން އެއްތަނަކަށް ޖަމާވި އިރު، ޔާމީން އެކަމުގައިވެސް ބައިވެރިވެވަޑައި ނުގެންނެވިއެވެ. އަދި އެފަދަ މުހިންމު އެތައް ކަމެއް ޔާމީނުގެ ފަސް އަހަރު މުހިންމުކަން ނުދީ ދޫކޮށްލާފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ތޯރިގް ވިދާޅުވީ އދގެ ސެކިއުރިޓީ ކައުންސިލުގައި ތަގުރީރު ކުރެއްވެވި ފުރަތަމަ ދިވެހި ރައީސްގެ ލަގަބު ރައީސް މުއިއްޒު ހޯއްދަވާފައިވާ ކަމަށެވެ. އަދި މިއީ މުޅި ދުނިޔެއަށް ރާއްޖެ ހުޅުވާލެވިފައިވާކަމުގެ ހެއްކެއް ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ. ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ރައީސް މުއިއްޒުގެ މަސައްކަތްޕުޅާ އެކު، ރާއްޖޭގެ މުސްތަގުބަލު ފާގަތިވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް ތޯރިގް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން