ދުނިޔޭގެ މުސްލިމު ހުރިހާ ލީޑަރުން އިޒްރޭލާ ދެކޮޅަށް ތެދުވެ އެގައުމާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ގޮވާލައްވައިފިއެވެ.

ފައްޔާޒު މިކަމަށް ގޮވާލެއްވީ ހިޒުބުﷲޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވާހާރަކޮށްލުން ކުށްވެރި ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަސްރުﷲ އަވަހާރަކޮށްލުން ކުށްވެރިކުރާމައްވައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ އިޒްރޭލުން މެދުއިރުމަތީގައި ހިންގަމުންދާ ޖަރީމާތަކާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. 

ފައްޔާޒު ވިދާޅުވީ އިޒްރޭލްގެ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރަން ހުރަސްއެޅޭ ކަމަށެވެ. އެހެންކަމުން އިޒްރޭލުގެ ޖަރީމާތައް ހުއްޓުވަން ދުނިޔޭގައި ތިބި ހެޔޮވިސްނޭ މުސްލިމް އިސްލާމީ ލީޑަރުން އެއްބައިވަންތަ ވާންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ދުނިޔޭގައި ތިބި ހެޔޮވިސްނޭ މުސްލިމް ލީޑަރުންނާއި ރައްޔިތުން އެއްބައިވަންތަވެ، އިސްރާއިލުގެ އަމަލުތައް ހުއްޓުވަން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނިއްޔަތުގެ ނަތީޖާއަކަށް ވެގެންދާނީ، ދުވަހަކު ވެސް އެ ސަރަހައްދަށް ހަމަޖެހުން ނުލިބުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ހަގީގީ ސުލްހަ ހޯދޭނީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބިގެން ކަމަށެވެ. އަދި ލޭއޮހޮރުވުން ހުއްޓުވުމަށާއި، އިންސާފާއި، ކަރާމާތާއި، އެއް ގައުމުން އަނެއް ގައުމުގެ ސިޔާސަތުތަކަށް އިހްތިރާމުކުރުމުގެ މައްޗަށް ބިނާވެފައިވާ މުސްތަޤްބަލެއް ހޯދުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 800 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއިލް ސިފައިން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 40000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން