ދިވެހި ރާއްޖޭގެ އާބާދީގެ 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލީގެ މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ރިޕޯޓެއްގައި ބުނެފިއެވެ.

އެޗްޕީއޭގެ ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ހިތުގެ ބަލީގެ ހާލަތަށް ބަލާއިރު، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމުށް 2020 އިން 2023 އަށް ރާއްޖޭގައި ހެދި "ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓަރ ސަރވޭ 2020 -2022" އިން ދައްކާ ގޮތުގައި ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުން ކަމަށެވެ. އަދި 27.7 އިންސައްތަ މީހުންނަކީ މި ބަލިތަކަށް ދިގު މުއްދަތަށް ބޭސް ބޭނުން ކުރަމުންދާ މީހުން ކަަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.

ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ނެރުނު މި ރިޕޯޓްގައި ބުނެފައި ވަނީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔަކީ ހިތުގެ ބަލި ކާޑިއޯ ވެސްކިއުލަރ ޑިޒީޒް (ސީވީޑީ) ކަމަށެވެ. އަދި ހިތުގެ ބަލި ޖެހިގެން ކޮންމެ އަހަރަކު 17 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ހާރޓް ފެޑެރޭޝަން އިން ލަފާކުރާ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި މި މަރުތަކުގެ މައިގަނޑު ސަބަބުތަކަކީ ކޮރޮނަރީ ހާޓް ޑިޒީޒް ނުވަތަ ސްޓްރޯކެވެ.

އެޗްޕީއޭގެ މި ރިޕޯޓްގައިވާގޮތުން ހިތުގެ ބަލީގެ ސަބަބުން ބަލި ޖެހޭ މީހާއަށާއި ބަލިޖެހޭ މީހާގެ އާއިލާ އަދި މުޖުތަމައަށް ވެސް އަސަރު ކުރެއެވެ. މީގެ އިތުރުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.

ހިތުގެބަލީގެ ނުރައްކަލުން ސަލާމަތް ވުމަށް ސަމާލުކަންދޭންވީ ކަންތައްތައް:

* ޞިއްޙީ ގޮތުން ރައްކާވެ ތިބުމަށް އާދަވެ ޓެސްޓުތައް ހަދައި ބަލަމުން ދިއުން.

* އާދަވެ ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު، ހަކުރު ހުންނަންވާ މިންވަރަށް ސަމާލުކަން ދިނުން.

* ލޭގެ ޕްރެޝަރު ދެނެގަތުން.

ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ ހިތުގެ ބައްޔަށް ހުރި އެންމެ ބޮޑު ނުރައްކަލެވެ. އަދި ނޭނގި ހުއްޓާ ފުރާނަ ދިއުމަށް (ކުއްލި މަރު) މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަށް ވެގެންދެއެވެ. ޤަވާޢިދުން ލޭގެ ޕްރެޝަރު ނުބަލާ ކަމުގައިވާނަމަ މިކަމުގެ އެއްވެސް ޢަލާމާތެއް ނުފެނި ހުއްޓާ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.

* ޤަވާޢިދުން ޑޮކްޓަރަށް ދައްކައި ލޭގައި ކޮލެސްޓްރޯލް ހުރި މިންވަރު ދެނެގަތުން މުހިންމު.

* ޤަވާޢިދުން ބަރުދަން ހުންނަވަރު ބަލައި، އިސްކޮޅާއި އެކަށީގެންވާ މިންވަރަށް ބަރުދަން ހުރިތޯ ބެލުން.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން