ފެނަކަ އަށް ފޭކު ސްޕެއާތަކެއް ބޮޑު އަގުގައި ގަނެފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކަ އިން މިއަދު ބުނީ ކުންފުންޏަށް ބޭނުންވާ ސްޕެއާ ހޯދުމުގެ މަސައްކަތް އޮތީ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގައިވާ ގޮތުގެ މަތިން ޓެންޑާ ކޮމިޓީގެ މަރުހަލާގައި ކަމަށެވެ. ރަޖިސްޓްރީ ނުކޮށް ހިންގާ އެ ނޫހުން ރިޕޯޓުކޮށްފައިވާ ހަބަރުގައި ހަވާލާދީފައިވާ ލިޔުންތަކުން ފެންނަ މުދަލަކީ އެ ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫން ކަމަށާއި އެއީ ފައިސާ ދައްކާފައިވާ މުދަލެއްވެސް ނޫން ކަމަށް ފެނަކައިން ބުނެފައި ވެއެވެ.

ފެނަކަ އިން ބުނީ ދައުރު ކުރަމުންދާ ހަބަރުގައި އެ ކުންފުންޏަށް މި މުދާ ބޮޑު އަގުގައި ގަތްކަމަށް ބަޔާންކޮށް، ނުހިނގާ ކަމެއް ހިނގި ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތްކޮށް، ކަނޑައެޅިގެން އޮޅުވާލާފައިވާ ކަމަށެވެ. އަދި ކުންފުންޏަށް މުދާ ގަންނަނީ، ފަންނީ މުވައްޒަފުންނަށް ފުރިހަމައަށް ބާރުލިބިދޭ ގޮތަށް އެކުލަވާލާފައިވާ އިޖުރާއަތްތަކުގައި ހިމެނޭ ގިނަ މަރުހަލާތަކެއް ފުރިހަމަވެގެން ކަމަށާއި މި ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން އަންނައިރު، ކުންފުންޏަށް ގަނެވޭ މުދަލުގެ ކޮލިޓީއާއި އަގު އަދި މުއްދަތު ކަނޑައެޅުމުގައި އެ މުދަލެއް ބޭނުންވާ އަސާސީ ހިދުމަތާއި ވަގުތަށް ހާލަތަށް ރިއާޔަތް ކުރެވޭނެ ކަމަށްވެސް ފެނަކަ އިން މަައުލޫމާތުދެއެވެ.

ފެނަކަ އިން ބުނީ އާ މެނޭޖްމެންޓް ކުންފުންޏާއި ހަވާލުވުމަށްފަހު، ކުންފުނިން ކުރިން އަމަލުކުރަމުންދިޔަ ޕްރޮކިއުމެންޓް އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުންތައް ހުއްޓުވައި އުސޫލުތައް ހަރުދަނާކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި ކުންފުންޏަށް ފެންވަރު ދަށް މުދަލާއި ހިދުމަތް ދެމުންދިޔަ "ފޭކް" ކުންފުނިތައް ނުވަތަ ވެންޑަރުން ބްލެކް ލިސްޓު ކުރެވުނު ކަމަށްވެސް ފެނަކަ އިން ބުނެއެެވެ. ފެނަކަ އިން އިތުރަށް ބުނީ އެ ކުންފުންޏަށް ހިދުމަތްދޭ ފަރާތްތަކަކީ، ހަރުދަނާ ޓެންޑާ ޕްރޮސެސްއެއްގެ ތެރެއިން ކުންފުނީގައި ރަޖިސްޓްރީ ކުރެވި، އެއްބަސްވުމެއް ގާއިމުވުމުގެ ކުރިން ކޮމިޓީތަކުގައި އިވެލުއޭޓް ކުރެވޭ ފަރާތްތަކެއް ކަމަށާއި އެހެންކަމުން ކުންފުންޏަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކުގެ ބޮލުގައި "ފޭކު" ކަމަށް އިލްޒާމު އަޅުވައި ހަބަރު ފެތުރުމަކީ، އެ ފަރާތްތަކާއި ކުންފުންޏާއި ދެމެދު އޮންނަ ގުޅުން ހީނަރުވެ އިތުބާރު ގެއްލޭނެ ސަބަބެއް ކަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން