ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މާލިއްޔަތުން ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ މައްސަލަ ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހާމަކޮށްފިއެވެ.

އޭސީސީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޕީއެސްއެމުން ޑޮލަރު ގަތުމަށް ނެގި ފައިސާއާއި އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައަކީ ޕީއެސްއެމުން އެ ކޮމިޝަނަށް ހުށަހަޅައިގެން، މިދިޔަ ޖުލައި މަހު ތަހުގީގު ކުރަން ފެށި މައްސަލައެއް ކަމަށް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ މައްސަލައިގެ ޕްރިލިމިނަރީ ތަހުގީގު ނިންމައި، އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަން ހުރުމުން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި ޕީއެސްއެމްގެ ޚާއްސަ އޮޑިޓް ކުރިއަށްދިޔައިރު، އޮޑިޓް އޮފީހުން އެ ކޮމިޝަނާ މަޝްވަރާ ކުރި ކަމަށް އޭސީސީން ނެރުނު ބަޔާނުގައިވެއެވެ.

އޭސީސީން ވަނީ މި މަހުގެ ތެރޭގައި ފުލުހުން ވެސް އެ މައްސަލަ އޭސީސީއަށް ހުށަހަޅައިފައިވާކަން ފާހަގަކޮށްފައެވެ.

ޕީއެސްއެމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ޖުމުލަ 9،034،083 ރުފިޔާ އެ ކުންފުނީގެ މާލިއްޔާއިން ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައެވެ. އެ ފައިސާގެ ތެރެއިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން