ޓާޓާ ހައުސިން ފްލެޓްސް ގާކޮށި؛ އިމާރާތުގެ ފެންވަރު ދަށްކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރި
ޓާޓާ ހައުސިން ފްލެޓްސް ގާކޮށި؛ އިމާރާތުގެ ފެންވަރު ދަށްކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރި
ގުޅީފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ޓާޓާ ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުން، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސޮއިކުރުމަށް އަންގައި އެކަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިިޑްގެ ފްލެޓަށް ހޮވުނު ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ބަދަލުގެ ގޮތުގައި ދެ ގޮތެއް ހުށައަޅާ ކަމަށެވެ. ފުރަތަމަ ގޮތަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރަތްކުރަން ފެށި ހިޔާ މަޝްރޫއުގެ 6،720 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓް ބަދަލެއްގެ ގޮތުގައި ދިނުމެވެ. ދެ ވަނަ ގޮތަކީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރާ 1،700 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް ޚިޔާރުކުރުމެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ބިންގާ އެޅީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ފްލެޓުތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ މަސައްކަތަށް 133،237،000 ޑޮލަރު ހަރަދުވާއިރު، ދެ އަހަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި މީހުން އެއްބަސްވުމުގައި މިދިޔަ މަހުގެ ތެރޭގައި ސޮއިކުރަން ފެށީ ބަދަލު ދިނުމަށް ފަހު ދައުވާ ނުކުރެވޭ ގޮތަށް ޝަރުތުކުރުމަށް ފަހުގައި ކަން ފާހަގަކޮށްލެވެއެވެ. އެއާއެކު، ބަދަލުގެ ގޮތުގައި އޭރު އެއްބަސްވުމުގައި އޮތީ މި ސަރުކާރުން އެންމެ އަވަހަށް އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓެއް ދޭގޮތަށެވެ. ފުލެޓް އަޅާނެ ތަނެއް އަދި އެކަމާގުޅޭ މައުލޫމާތެއް އެއްބަސްވުމުގައި އޭރު ހިމަނާފައެއް ނުވެއެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ވަނީ އެ ތަފްސީލުތަކާއެކު، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން ލިޔުމުގައި ސޮއިކުރުމަށް އަންގާފައެވެ.

އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު އެޅި ފްލެޓުތަކަކީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައަޅައި، ފްލެޓަށް އޭރު ފައިސާ ދެއްކި 18 އާއިލާއަކަށް ހުޅުމާލޭން ފްލެޓް ދިން ނަމަވެސް 140 އާއިލާއަކަށް އަދިވެސް ބަދަލު ދީފައެއް ނުވެއެވެ. އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން، ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރި ޖުމްލަ 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ސަރުކާރަށް ނެގީ، ފްލެޓުތައް ލިބުނު މީހުންނަށް ފައިސާ ނުދެއްކިގެންނެވެ.

ފްލެޓްތައް ހަވާލުކުރީ، ދެ މިލިއަން ރުފިޔާ ދެއްކޭނެ ކަމުގެ ޔަގީންކަން ދިން މީހުންނަށެވެ. ބައެއް މީހުން އެ ފްލެޓްތައް ގަތީ އިސްލާމިކް ބޭންކުންނާއި ބޭންކް އޮފް މޯލްޑިވްސްއިން ބޮޑު އިންޓްރެސްޓްގައި ލޯނު ނަގައިގެންނެވެ. ޔާމިން ސަރުކާރުގައި ފަހުން ވަނީ އެމްއެމްއޭއިން ގެރެންޓީ ދީގެން އެ ފްލެޓްތައް ގަތުމަށް ލޯނު ތަކެއް ދޫކޮށްފައެވެ. ފްލެޓްތަކަށް ދެ މިލިއަން އެއްފަހަރާ ދައްކަން ޖެހުމުގެ ކަންބޮޑުވުމުގައި ތިއްބައި އެ ފްލެޓްތައް 2017 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.

އެޗްޑީސީ އިން ފުރަތަމަ ހަމަޖެއްސީ ފަސް އަހަރުން ދެ މިލިއަން ރުފިޔާ ދައްކާ އަގު ހަލާސްކުރާ ގޮތަށް މަހަކު 33،000 ރުފިޔާ ދެއްކުމަށެވެ. އެ އަގަށް އެއްބަސްނުވާ މީހުންގެ ފްލެޓް ވިއްކާލުމަށް އެޗްޑީސީ އިން އޭރު ނިއްމިއެވެ. އެހެންވެ އެއް ބަޔަކު ފްލެޓަށް ފައިސާ ދެއްކީ ކުރިން ދެންނެވި ފަދައިން ބޭންކްތަކުން ކޮމާޝަލް ލޯނު ނަގައިގެން ކަން ފާހަގަކޮށްލެވެއެވެ. އެއީ 9 އާއި 11 ޕަސެންޓާއި ދެމެދުގެ އިންޓްރެސްޓުގައި 15-20 އަހަރުން ދައްކާ ގޮތަށެވެ.

އެއްބަޔަކު އެ ފްލެޓްތައް ދޫކޮށްލީ އޭރު ސަރުކާރުން ނިންމި ގޮތަށް ފައިސާ ނުދެއްކިގެންނެވެ. އަނެއް ބަޔަކު ދޫކޮށްލީ ދެމިލިއަން ރުފިޔާގެ ލޯނު ނަގައިގެން ވިހި އަހަރުން ފްލެޓަށް ފައިސާ ދައްކާ ނިމޭއިރު އިންޓްރަސްޓާއެކު ހަތަރު މިލިއަން ރުފިޔާއާއި ގާތަށް ދައްކަން ޖެހޭއިރު ފްލެޓްތަކުގެ އިމާރާތުގެ ފެންވަރު ދަށްވެފައި ފްލެޓްގެ ފެންވަރު އަގާއި ނުބައްދަލު ވުމުންނެވެ.

މި ފްލެޓުތަކަށް ހޮވުނު ނަމަވެސް އެކި ސަބަބުތަކާ ހެދި އެތަންތަނަށް ނުވަދެވުނު މީހުންނަށް ބަދަލުދިނުމަކީި ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން