ރާއްޖޭގައި ބާއްވާ ހަތް ވަނަ ބައިނަލްއަގުވާމީ މުދައްރިސުންގެ މަހާސިންތާ މާދަމާ ބާއްވަން ފަށަން ތައްޔާރުވެއްޖެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ މި މަހާސިންތާ ބާއްވަނީ އޮކްޓޫބަރު މަހުގެ 1-2 އަށް ސީ.އެޗް.އެސް.އީ-މާލޭގައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް މި އަހަރު ދެ ދުވަހަށް ދެމިގެންދާއިރު މި އަހަރުގެ މަހާސިންތާގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރީ ކޮށްފައިވެ އެވެ.

މި އަހަރުގެ މަހާސިންތާއަށް 60 ރިސަރޗް ޕޭޕަރާއި، 4 ކޭސް ސްޓަޑީ ހުށަހަޅާފައިވެ އެވެ. ދެ ކީނޯޓް އަދި ދެ ޕެނަލް ޑިސްކަޝަން ކުރިއަށްދާނެ އެވެ.

މި ކޮންފެރެންސްގެ މަގުސަދުތައް:

• ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރެވިދާނެ ގޮތްތައް ދެނެގަތުން

• ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުން

• ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށްދިނުމާއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ކުރިއެރުވުން

2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން