ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ވަގުތު މިއަދު ތިނަވަނަ ފަހަރަށް ދަންމާލައިފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބައެއް ރަށްތަކަށް މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންވެ މިއަދު މެންދުރު ފަހު ނެރުނު ސަމާލުގެ ވަގުތު ދަންމާލާފައިވާ ކަމަށެވެ.

ތިލަދުންމަތީ އުތުރުބުރިން ފެށިގެން އަރިއަތޮޅު ދެކުނުބުރިއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ފުރަތަމަ ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:00 އިން 15:00 އަށެވެ. އޭގެ ފަހުން މެޓުން ވަނީ އެ ސަމާލުގެ މުއްދަތު 15:30 އިން މިރޭ 21:30 އަށް އިތުރު ކޮށްފައެވެ.

ތިންވަނަ ފަހަރަށް މެޓުން ވަނީ ސަމާލުގެ ވަގުތު މިރޭ 22:00 އިން ފެށިގެން މެންދަމު 03:00 އަށް އިތުރު ކޮށްފައެވެ. މި ސަމާލުގައި މެޓުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނދުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ކަނޑުތައް އުތުރުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ ކަަމަށާއި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން