ޓެކްސް ބަޔާން ހުށަނާޅާ 42 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން ހާމަކޮށްފައި ވަނީ އެ އިދާރާއަށް ޓެކްސް ފައިސާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ޓެކްސް ދައްކަން ޖެހޭ ކަމަށް ގިންތިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަންތަކެވެ.

އެ އިދާރާއިން ބުނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން 2023 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައިފައިނުވާ ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ ނަން މިއަދު ހާމަކޮށްފައިވާ ކަމަށެވެ.

މިއަދު މީރާއިން ޝާއިއުކޮށްފައިވާ ލިސްޓުގައި ބޮޑެތި އަދަދުތަކުން ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ގޮތުގައި މީރާއިން ގިންތިކޮށްފައިވާ ޖުމްލަ 43 ފަރާތެއްގެ ނަން ހާމަކޮށްފައިވެއެވެ.

ބޮޑެތި އަދަދުތަކުން ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ގޮތުގައި މީރާއިން ގިންތިކޮށްފައިވަނީ އަހަރެއްގެ ތެރޭގައި އެ ފަރާތެއްގެ ޖުމްލަ އާމްދަނީ 200 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކާއި އެ ފަރާތްތަކާއި ގުޅުންހުރި ފަރާތްތަކެވެ. 2023 ވަނަ އަހަރުގެ ޓެކްސް ބަޔާން ހުށަހަޅާ ފައިސާ ދެއްކުމުގެ ސުންގަޑި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވެފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އީމެއިލް އާއި އެސްއެމްއެސް އަދި ފޯނުގެ ޒަރިއްޔާއިން މުއާމަލާތްކޮށް ޓެކްސް ބަޔާން ހުށަނާޅައި އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތައް ވަނީހަނދާންކޮށްދީފައެވެ. އެ އިލްތިޒާމްތައް އަދާކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން