މިނިސްޓްރީ އޮފް ސޯޝަލް ސެކިއުރިޓީ އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ގުޅިގެން އެކުލަވާލެވުނު ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ދަސްވާރު ޕްރޮގްރާމް މިއަދުވަނީ ފަށައިފިއެވެ.

އާރްޑީސީން ބުނީ މިއީ ހަމަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ފަސް ބައިވެރިއަކު ހިމެނޭ ކަމަށެވެ. އަދި އަމަލީ މަސައްކަތާއި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ގޮތުން މި ޕްރޮގްރާމްގެ ބައިވެރިން އާރްޑީސީގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް، ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމުގެ މުމައްދަތުގެ ތެރޭގައި ކޮންމެ ބައިވެރިއަކަށްވެސް 5000 ރުފިޔާގެ އެލަވަންސެއް ދެވޭނެ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ. އާރްޑީސީން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމާއި، ވަޒީފާގެ ބާޒާރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަ ކަމާއެކު މަސައްކަތް މާހައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ.

އާރްޑީސީން ބުނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި އެފަރާތްތައް ބާރުވެރި ކުރުމަށާ އެފަދަ ފަރާތްތައް މުޖުތަމައަށް ބޭނުން ހިފޭ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުމަކީ މި ޕްރޮގްރާމްގެ މަޤުސަދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރެވުނީ 30 ޖޫން 2024 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން