ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ދައުވާކުރި މައްސަލަތަކުގައި އެމަނިކުފާނުގެ "ޕާސަނަލް ލޯޔަރެއް" ގެ ގޮތުގައި މަސައްކަތް ކުރެވިފައިވާ ނަމަ އެމަނިކުފާނާ ދެކޮޅަށް މިހާރު ދައުލަތުން ދައުވާކޮށްފައިވާ މައްސަލައިން ތަނާޒުލު ވެވަޑައިގަންނަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވިދާޅުވީ ޔާމީނާ ދެކޮޅަށް ދައުލަތުން ދައުވާކުރި މައްސަލަތަކުގައި އެމަނިކުފާނުގެ "ޕާސަނަލް ލޯޔަރެއް" ގެ ގޮތުގައި މަސައްކަތް ކުރެވުނުކަން ހަނދުމަފުޅު ނެތް ކަމަށެވެެ. އައްބާސް ވިދާޅުވީ ޔާމީނު އަރިހުގައި މަސައްކަތް ކުރައްވާފައިވާނީ ޕާޓީގެ ވަކީލެއްގެ ހައިސިއްޔަތުން ކަމަށާއި އެމަނިކުފާނުގެ ވަކީލެއްގެ ހައިސިއްޔަތުން ކޯޓަށް ވަޑައިގެންނެވިފައިވާ ކަން ނުވަތަ ނޫންކަން ކަށަވަރު ކުރެއްވޭނީ ރެކޯޑްތައް ބައްލަވައިގެން ކަމަށެވެ.

"އަޅުގަނޑަށް ކޯޓަށް ދެވިފައި ހުރި ކަމަށް ވަންޏާ ތަނާޒުލުވާން ޖެހޭ ހައިސިއްޔަތެއް އަންނާނެ އެހެންނޫންތޯ، އެހާލަތުގައި އަޅުގަނޑު ތަނާޒުލުވާނަން،" މަގާމާއި ހަވާލުވެވަޑަައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވި އެވެ.

މީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ތަނާޒުލުވާން ޖެހޭ ހާލަތުގައި ވެސް ޕީޖީ އޮފީހުން އެ މައްސަލައެއްގައި މަސައްކަތް ކުރިއަށް ގެންދެވޭނެ ނިޒާމެއް އެ އޮފީހުގައި ގާއިމް ކޮށްފައި އޮންނަކަން ފާހަގަކުރައްވަމުން ޕީޖީ އައްބާސް ވިދާޅުވީ އެގޮތަށް މަސައްކަތް ކުރަން ހަދާފައި އޮތް އުސޫލަށް އިތުބާރު އެބަ އޮތް ކަމަށެވެެ. އޭނާ ވިދާޅުވީ ޔާމީނަށް ދައުވާކުރާ މައްސަލައެެއްގެ މަޝްވަރާއެއް، ޕީޖީގެ މަގާމަށް ވަޑައިގެންނެވި ފަހުން އަދި ނުބާއްވާ ކަމަށެެވެ. އަދި އެފަދަ މަޝްވަރާއެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން