ޣައްޒާގައި އިޒްރާއިލުން ހިންގާ ގަތުލުއާންމާއި ދެކޮޅަށް ސައުތު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީ.ޖޭ) އަށް ހުށައަޅާފައިވާ މައްސަލައަށް ތަދައްޚުލުވުމަށް ދިވެހި ރާއްޖެއިން މިއަދު ހުށައަޅައިގިއެވެ.

އައިސީޖޭ ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ސައުތު އެފްރިކާ ވާސަސް އިސްރާއީލު)" މައްސަލައަށް ރާއްޖެއިން ތަދައްޚުލުވުމަށް ހުށައެލިކަން ހާމަކުރީ އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެބަޔާނުގައި ބުނީ މި މައްސަލައަށް ރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން،" މި މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުން މިއަދު އައިސީޖޭއަށް ހުށަަައަޅާފައިވާ ކަމަށެވެ.

އެމައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައިސީޖޭ އަށް ހުށަހެޅި މައްސަލައެއް ކަން ފާހަަގަކުރެވެއެެވެ. މި މައްސަލައިގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއް ކަމަށް ބުނެ އެކަން ހުއްޓުވައިދިނުމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއިން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުން ކަމަށެވެ.

ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ގަތުލުއާންމެއް ކަމަށާއި އަދި އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ބުނެ ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި އެކަމާއި ދެކޮޅަށް ތަކުރާރުކޮށް އަޑުއުފުލަމުން ގެންދާކަން ފާހަގަކުރެވެއެވެެ.

ދާދިފަހުން އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަޤްވާމީ ނިޒާމަށް މަލާމާތެއްކަމާއި، އދގެ ޤަރާރުތަކާއި، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ނިރުބަވެރިކަމުގެ ޢަމަލުތަކެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އިސްރާއީލުގެ ލާއިންސާނީ އަނިޔާވެރި އަމަލުތަކަށް އެގައުމުގެ ވެރިން ޖަވާބުދާރީ ކުރުވުމަށް ބައިނަލް އަގުއާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން