މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދެއް މަރުކަޒީ ބޭންކް އެމްއެމްއޭ އިން އާންމު ކޮށްފިއެވެ.

ގަވާއިދު ގެޒެޓް ކުރުމަށްފަހު އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ގަވާއިދުގެ މަގްސަދަކީ މަނީ ޗޭންޖިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި އެ ވިޔަފާރި ރެގިއުލޭޓްކޮށް، ސުޕަވައިޒްކުރުމާއި އެ ވިޔަފާރިއާއިގުޅޭ އެހެނިހެން ކަންތައްތައް ކަނޑައެޅުން ކަމަށެވެ.

މި ގަވާއިދުގެ ދަށުން ދެ ބާވަތެއްގެ ލައިސަންސް ދޫކުރާނެއެވެ. އެއީ ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް (ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އަދި ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް (ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އެވެ.

ގަވާއިދުގައި ވާގޮތުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ޓޫރިސްޓުންނަށް ޚިދުމަށް ދިނުމަށް ހިންގާ ތަންތަނުން ލައިސަންސަކާ ނުލާ ޓޫރިސްޓުންގެ ކިބައިން ބޭރުފައިސާ ގަނެ އަދި ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކުން ހުއްދަކުރެއެވެ.

ގަވާއިދުގައި ބުނެފައިވަނީ، ޓިއަރ 1 ލައިސަންސްގެ މުއްދަތަކީ 5 އަހަރު ކަމަށެވެ. އަދި މި ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާންވާނީ ދިވެހިރައްޔިތުންނަށް ކަމަށް ވަނީ ބުނެފައެވެ.

އޭގެ އިތުރުން މިފަދަ ވިޔަފާރިއަކުން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާގެ އަދަދެއް ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ގަވާއިދުގައި ބުނާގޮތުން ޓިއަރ 2 ލައިސަންސް ލިބޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓު ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަސް ލިބިފައިވާ ކުންފުންޏަކަށެވެ.

ޓިއަރ 2 ލައިސަންސްގެ މުއްދަތަކީ ޓޫރިސްޓް ރިޒޯޓް ހިންގަން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ މުއްދަތެވެ. މި ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކެއް މެދުވެރިކޮށެވެ.

ޓިއަރ 2 ގެ މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، ބޭރު ފައިސާ ވިއްކުމަށްފަހު ކަސްޓަމަރަށް ރަސީދެއް ދޭންވާނެ ކަމަށާއި އެގޮތުން ދޫކުރާ ރަސީދުގައި، ކަސްޓަމަރުގެ ފުރިހަމަ ނަން، ކޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު، ވިއްކި ނުވަތަ ގަތް ފައިސާގެ ބާވަތާއި އަދަދާއި ފައިސާ ވިއްކި ނުވަތަ ގަތް ރޭޓް ހިމަނަންވާނެ ކަމަށް ގަވާއިދުގައިވެއެވެ.

އަދި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50000 ޑޮލަރު ބަހައްޓަން ވާނެ ކަމަށާއި ކުރިން ލައިސަންސް އޮތް ފަރާތްތަކުން އާ ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅައި އެއާ މެދު އޮތޯރިޓީން ވަކި ގޮތެއް ނިންމައި އަންގަންދެން ކުރީގެ ލައިސަންސްގެ ދަށުން ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ގަވާއިދުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން