ޑޮލަރުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިގްތިސާދަށް ހެއު ބަދަލެއް އަންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ނުލިބުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދެއް އެކުލަވާލައި ހަރުދަނާ ހަރުކަށި ފިޔަވަޅުތަކާއެކު ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދަކާއި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދެއް ވަނީ އެކުލަވާލާފައެވެ.

އަދި އާގަވާއިދާއެކު ލައިސެންސް ދޭނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުންޏަށް ކަމަށް އެމްއެމްއޭގެ އާ ގަވައިދުގައި ބުނެއެވެ. އެ ކުންފުނީގެ ވެރިފަރާތަަކަށް ވާން ޖެހޭނީ ދިވެހިން ކަމަށާއި ހުރިހާ މުވައްޒަފުންވެސް ވާންޖެހޭނީ ދިވެހިންނަށް ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

މިއަދުން ފެށިގެން އެ ގަވާއިދުތަކަށް ވަނީ އަމަލު ކުރަން ފަށާފައެވެ. އެކަމާ ގުޅިގެން "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިހާރު ފެނިގެންދަނީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރަން ވަރަށް ހަރުދަނާ ހިތްވަރުގަދަ ނިންމުންތަކެއް ރައީސް ޑރ. މުޢިއްޒު ނިއްމަވަމުން ގެންދަވާ މަންޒަރު ކަމަށެވެ. އަދި އެކަންކަމާއެކު ރާއްޖޭގެ އިގްތިޞާދަށް ހެއު ބަދަލެއް އަންނާނެކަމުގެ އުއްމީދު އެބައޮތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



"ޑޮލަރުގެ މައްސަލައަށް މިގެނައި ބަދަލުގެ ސަބަބުން ބިދޭސީން ކޮންޓްރޯލް ކުރަމުން އައި ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ،" ޑޮލަރު މާރު ކުރުމުގެ މަސައްކަތް ކުރާ ވިޔަފާރިތަކުގައި ބިދޭސީންނަށް ނުތިބެވޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވައި އާދަމް ޝަރީފް ވިދާޅުވިއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން މިއަދު ބުނީ ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މަގުފަހިވެގެން ދާނެކަމަށާއި ވަކިން ޚާއްސަކޮށް މި ގަވާއިދުތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން