އެޗްޕީއޭގެ މައްޗަށް މިހާރު އޮތް ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނެތިގެން ނޫންގޮތަކަށް ކޯވިޑް ކޮންޓްރޯލް ކުރުމަށް ސިއްޙީ ދާއިރާގެ ބޭފުޅުންނަށް ކުރެވޭނެ ކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ރޭގައި އަޅާފައިވާ ފިޔަވަޅާއި ގުޅިގެން ރައްޔިތުންގެ ފާޑިކުޔުން އިންތިހާއަށް ބޮޑުވުމުން ރައްޔިތުންގެ މަންދޫބުންގެ ތެރެއިން ގިނަ މެމްބަރުންތަކެއްވެސް ވަނީ މިކަމާއި ގުޅިގެން މެމްބަރުން ދެކޭ ގޮތް ހާމަ ކުރައްވާފައެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެޗްޕީއޭގެ މައްޗަށް މިހާރު އޮތް ސިޔާސީ ނުފޫޒު ނެތިގެން ނޫންގޮތަކަށް ސިއްޙީ ބޭފުޅުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭނެކަމަށެވެ.

"ކުރިން ތިކަން އެޗްޕީއޭ އިން އަންގާލިނަމަ އަތްދޮންނަން ގެއަށް ނުވަދެ ވެހިކަލް ދޮވެލައިގެން ފަރުޖައްސާލެވުނީސް. އަތްދޮންނަންގެއަށް ވަދެތިއްބާ ދައުލަތް ދޮވެލީ. ސިޔާސީ ނުފޫޒުން އެޗްޕީއޭގެ ޓެކްނިކަލްޓީމް ސަލާމަތްވެގެންނޫނީ ރައްޔިތުންނަށް ސަލާމަތެއްނެތް." ޝިޔާމް ވިދާޅުވިއެވެ.

ހެލްތު އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 05:00 އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ.

މިނިންމުމާއި ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ އެޗްޕީއޭގެ ތެރޭގައި އޮތް ސިޔާސީ ނުފޫޒުން އެތަން އެއްކިބާކޮށް ހެޔޮ ނިޔަތުގައި މަސައްކަތް ކުރެވޭނެ ޖާގަ އެބޭފުޅުންނަށް ދެއްވަން ޖެހޭކަމަށެވެ. މިހާރު އަޅާ ފިޔަވަޅުތަކަކީ ކޯވިޑް ކޮންޓްރޯލް ކުރުމަށްވެސް އަދި އާންމު ރައްޔިތުންނަށްވެސް ފައިދާ ހުރި ގޮތެއް ނޫންކަމަށް ހުސެއިން ވިދާޅުވިއެވެ.

"އެޗްޕީއޭ ސިޔާސީ ނުފޫޒުން އެއްފަރާތްވެ ރައްޔިތުންނަށް ހެޔޮ އެދެންޖެހޭ. ދެ ކޮޅުޖެހޭ އެއްކަމެއްވެސް ނުކުރޭ. ހަމަ ބުއްދިއަށް ތިލަކޮށް ވިސްނާލިޔަސް މިހާރު އަޅާ ފިޔަވަޅުތަކުން ނިކުންނާނެ ނަތީޖާ އެއް ނުވިސްނޭ." ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ އެފަދަ ނިންމުންތަކުގެ ސަބަބުން ހީވަނީ ރައްޔިތުންނަށް ޖެއްސުން ކުރަން އުޅޭހެންނެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތައް އެޅުން ނޫން ޙައްލެއް ނެތް ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. މެމްބަރު އުޝާމް އިތުރަށް ވިދާޅުވީ، ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރާ ނިންމުމަކީ، އެތައް ބަޔަކަށް ބޮޑު ތަކުލީފަކަށް ވެގެންދާނެ ކަމަށެވެ.

"ބައެއް ފަހަރު އެބަހީވޭ އެޗްޕީއޭއިން އުޅެނީ ރައްޔިތުންނަށް ޖެއްސުންކުރަން ހެންވެސް. މިކަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށްވާނެކަމެއް. މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް." އުސާމް ވިދާޅުވިއެވެ.

މިބަދަލާއެެކުވެސް ރޭގަނޑު 9:30ގައި އެންމެ ލަސްވެގެން ފިހާރަތާކާއި ކެފޭ ރެސްޓޯރަންޓްތައްވެސް ބަންދުކުރަން އިސްކަންދޭންޖެހޭނެކަމަށާއި އެތަންތަން ބަންދުކުރުމަށްފަހު ވަޒީފާ އަދާކުރާ މީހުން 20:00ގެ ފަހުން ގެއަށްދާންވާނީ ފައިމަގުގައި ނުވަތަ ކަނޑައެޅިފައިވާ ބަސް ނުވަތަ ފެރީތަކުގައިކަމަށް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


18

އަންސާރު

23-Aug-2020

ކަލޭ މެނަށް މިސަރުކާރުން ކުރާ ކަން ކަން ރަނގަޅު ވާކަށް ނުވެސް ޖެހޭ އެގޮތަށް ސަރުކާރުގެ ވިސްނުމެއް ވެސް ނެތް ރައްޔަތުން ނަށް ވެސް އެނގޭނެ އިދިކޮޅަކުން ދުވަހަކު ވެސް ސަރުކާރަށް ރަނގަޅު މަގެއް ނުދައްކާނެކަން އިދިކޮޅު ގެ ދައުރަކީ މިހާތަނަށް ވެސް ސަރުކާރަށް ރުހޮރޮއްޕާން ކުރުން އެކަން ވެސް ރަނގަޅަކަށް ނުވޭ އެގާބިލް ކަމެއް ވެސް ނެތްވިއްޔާ



ޓްރެންޑިން