އިއްޔެ ސަރުކާރުން އަމަލުކުރަން ފެށި ބޭރު ފައިސާއާ ގުޅޭ އާ ނިންމުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފާޑުވިދާޅުވެއްޖެ އެވެ.

އެމްއެމްއޭއިން އިއްޔެ އަަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކުން ޑޮލަރު މާރުކުރަންޖެހޭނެ އެވެ.

އެގޮތުން ޓޫރިސްޓް ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭއިރު ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.

އެ ނިންމުމަށް ސަރުކާރުގެ އިސް ބޭފުޅުންނާއި ގިނަ އާންމުންވެސް ތައުރީފްކުރަމުންދާ އިރު އެމްޑީޕީގެ އިސް ބޭފުޅުން ދަނީ އެ ނިންމުމަށް ފާޑު ވިދާޅުވަމުން ނެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ނިންމުމަށް ފާޑު ވިދާޅުވިފަހުން ޝާހިދުވެސް ވަނީ އެއީ ރަނގަޅު ނިންމުމެއް ކަަމާމެދު ސުވާލު އުފައްދަވައިފަ އެވެ.

ޝާހިދު އެކްސްގައި މިއަދު ވިދާޅުވީ ބޭރުފައިސާއާއި ބެހޭ ގަވާއިދާއި މަނީޗޭންޖިންގ ވިޔަފާރިއާއި ބެހޭ ގަވާއިދަށް ގެނައި ބަދަލުތައް ގެނެސްފައިވަނީ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ނޫންކަމަށާއި އެއޮމީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އަދި އޭގެ ސީދާ އަސަރު ކުރާނެ އެއްބަޔަކީ ރާއްޖޭގެ އެންމެބޮޑު ސިނާޢަތު ކަމުގައިވާ ފަތުރުވެރިކަމަށް ވާއިރު، ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އަދި ލިވަބޯޑުގެ މަޝްވަރާ ހޯދާ އަދި އެފަރާތްތަކުގެ ކަންބޮޑުވުން ތަކަށް ސަރުކާރުން ރިޢާޔަތް ކުރުމަކީ މުހިންމުކަމެއް ކަަމަށް ޝާހިދު ވިދާޅުވި އެވެ.

"ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް އަޅާ ފިޔަވަޅެއްގެ ސަބަބުން އެންމެ ބޮޑު ސިނާއަތަށް ގެއްލުމެއްލިބުމަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މުޅި އިގުތިސާދަށް އިތުރު ގެއްލުން ލިބިދާނެކަމެކެވެ." ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީން މިކަމުގައި އިދިކީލި ޚިޔާލުތައް ގެންގުޅުނު ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރުފައިސާ ރާއްޖޭގެ ބޭންކްތަކަށް ނުވަނުމާއި ރާއްޖޭގެ އިޤުތިޞާދުގައި އެފައިސާ ދައުރު ނުވުމަކީ ރާއްޖޭގައި ބޭރުފައިސާގެ މައްސަލަ ހައްލު ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާއަތަކީ ފަތުރުވެރިކަން ކަމުގައި ވީނަމަވެސް އަދި މިސިނާޢަތުން ވަންނަ އާމްދަނީ އަކީ ބޭރުފައިސާއިން ވަންނަ އާމްދަނީ ކަމުގައި ވީނަމަވެސް ރާއްޖޭގެ އިޤްުތިޞާދަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޭރުފައިސާ ނުލިބުމުގެ މައްސަލައެވެ. މީގެސަބަބުން މުދަލާ ޚިދުމަތުގެ އަގު ބޮޑުވެ އާންމު ރައްޔިތުން އެތައް ތަކުލީފެއް އުފުލަން ވަނީ ޖެހިފައެވެ.

ނިމިދިޔަ އެމްޑީޕީގެ ދެ ސަރުކާރަށް ވެސް މިމައްސަލައަށް އެއްވެސް ހައްލެއް ހޯދައި ދެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން