ސަރުކާރުގެ ބައެއް ކުންފުނިތަކުން އަހަރީ އާއްމު ޖަލްސާ އާއި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާގޮތާއި ހިލާފަށް ބާއްވަމުންދާކަން ފާހަގަވާކަމަށް އެ ބޯޑުން ބުނެފިއެވެ.

މިއަދު އެ ބޯޑުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަހަރީ އާންމު ޖަލްސާ ބާއްވަން ވާނީ ޕީސީބީ ބޯޑުގެ އޮފިޝަލުންނާއި، މާލީ ވުޒާރާގެ އޮފިޝަލުން ހިމެނޭހެން ކަމަށް "ކޯޑް އޮފް ކޯޕަރޭޓް ގަވަރނެންސް ފޯރ ސްޓޭޓް އޯންޑް އެންޓްޕްރައިޒަސް" ގެ އާޓިކަލް 18ގެ ދެވަނަ ނަމްބަރުގައި ބުނެފައި އޮންނަކަމަށެވެ.

ނަމަވެސް އެ ކޯޑާއި ހިލާފަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން އަމަލުކުރަމުން ދާކަން ފާހަގަވެފައިވާކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށާއި، ޖަލްސާތައް އިންތިޒާމް ކުރުމުގައި، އެ ކޯޑާއި އެއްގޮތްވާ ގޮތުގެ މަތިން ޕީސީބީ އަދި މާލީ ވުޒާރާގެ އޮފިޝަލުން ހިމެނޭކަން ކަށަވަރު ކުރުމަށް ސާކިއުލާގައި ވަނީ އެދިފައެވެ. އަދި މި ޖަލްސާތައް ބޭއްވުމުގެ ކުރިން، ކުންފުނިތަކާއި ހިއްސާ ކުރެވިފައިވާ އޮންލައިން ޗެކްލިސްޓް ފޯމް ފުރިހަމަ ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ގާނޫނުގައި ބުނާގޮތުން، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުން ޕީސީބީ އިން އަންގާ އެންގުންތަކަށް ތަބާވާން ޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން