އަލްމަރުޙޫމް ޢަބްދުލްމަޖީދު މާހިރު
އަލްމަރުޙޫމް ޢަބްދުލްމަޖީދު މާހިރު
އަލްމަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ ޢިލްމީ ޤާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އަލްމަރުޙޫމް ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމުގެ ހިތާމައިގައި ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ޢަބްދުލް މަޖީދު މާހިރަކީ ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ނުހަނު ޤަދަރުވެރި، ޚިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށާއި ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އަޑު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.

“މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ، މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރަށް، ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެކެވެ. ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޛެކެވެ. ޤައުމަށް ޚިދުމަތްތެރި ޢިލްމީ ޤާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެކެވެ.” ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސްވަނީ މަރުޙޫމް ޢަބްދުލްމަޖީދު މާހިރުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން