ފޯޅަވަހީގެ މިލްކުވެރިކަން ހޯދުމަށް ރާއްޖެ އިން ދައުވާކޮށްކޮށް ތިއްބައި އެ ތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން މިއަދު ނިންމާފައިވާކަން ބީބީސީ އިން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ. އެކަމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މޮރިޝަސްއަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ދިނުމަށް އިނގިރޭސިވިލާތުން ނިންމީ ކަސިޔާރު ސިޔާސަތެއްގެ ތެރެއިން ކަމަށެވެ.

"ރާއްޖޭން ދައުވާ ކޮށްކޮށް އޮއްވައި ޕެރޮސް ބެންހޮސް އެޓޯލް އިނގިރޭސިވިލާތުން މޮރިޝަސްއަށް ދީގެން ނުވާނެ، މިއީ ވަރަށް ކަސިޔާރު ސިޔާސަތެއް،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އިނގިރޭސިވިލާތާއި މޮރިޝަސްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މޮރިޝަސްއަށް ޗާގޯސްގެ ރަށްތައް ދެނީ، އެ ރަށްތަކުގެ ރައްޔިތުންނަށް ޗާގޯސްއަށް އެނބުރި ދެވޭނެ ގޮތަށް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައި އޮންނަ ޑިއޭގޯ ގާސިއާގައި ހިންގާ އަސްކަރީ މަރުކަޒު ހުއްޓުމެއްނެތި ހިންގަމުން ދިޔުމަށް އެއްބަސްވުމުގައި ހިމަނައިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އެ ނިންމުން ދަމަހައްޓާފައެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ. ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް ވެސް ވަނީ އެކުލަވައިލައިފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން