ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ޝަކުވާ ހުށައަޅަން ހުޅުވާލި ފުރުސަތުގައި ކޯޓަށް ހުށައަޅައި ހިނގަމުންދާ ދައުވާތަކާއި އިސްތިއުނާފަކާއި ބެހޭ ޝަކުވާއަކާއި ގުޅިގެން ޝަރީއަތް ފަސްކޮށްދިނުމަށް އެދޭނީ މައްސަލައިގެ ހުކުމަކާއި ހިސާބަށް ގޮސްފައި ހުރި މައްސަލަތަކުއި އެކަނި ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޮށްފއިވާ ދައުވާއަކާ ގުޅޭގޮތުން ނުވަތަ އެނޫން ވެސް މައްސަލައަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިދިޔަ އޮކްޓޯބަރ 01 ވަނަ ދުވަހު ވަނީ ފުރުސަތު ހުޅުވާލާފައެވެ. ޕީޖީ އޮފީހާ ގުޅޭގޮތުން ރަސްމީކޮށް ޝަކުވާ ހުށަހަޅަން އެދުވަހުން ފެށިގެން 20 ދުވަހުގެ ފުރުސަތެއް ވަނީ ދީފައެވެެ.

ޕީޖީ އޮފީހުން ވަނީ މައްސަލަތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅުއްވާއިރު، އެ މައްސަލައެއް ރިވިއުކުރަންވީ ސަބަބު ސާފުކޮށް ބަޔާންކުރަން އަންގާފައެެވެ. ޕީޖީ އޮފީހުން ބުނީ ޝަކުވާތައް ބަލާނީ ޕީޖީ އައްބާސް ޝަރީފް ހިމެނިވަޑައިގަންނަވާހެން އެ އޮފީހުން ކަނޑައަޅާ ހާއްސަ ޓީމަކުން ކަމަށެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަކުވާ ހުށަަައަޅާ ފަރާތްތަކުން ހުށައަޅާ ހުށައެޅުންތައް މުރާޖައާ ކޮށް އެންމެ އަވަސް މިނުގައި ގޮތް ނިންމުމަށް އެ އޮފީހުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާ ކުރުމަށް ހުށައަޅާ ހުށައެޅުމަކާއި ގުޅިގެން ބަންދުގެ ހާލަތަކަށް ބަދަލު ގެނެވިދާނެ ކަމަށް އެ އޮފީހަށް ފެންނަ ފަރާތްތަކުގެ ބަންދު މުރާޖައާ ކުރުމަށް ކޯޓަށް ހުށައަޅަމުން ގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި ޕީޖީ އޮފީހުން ދައުވާ އުފުލާފައިވާ މައްސަލަތަކުގައި އިސްތިއުނާފާއި ބެހޭ ޝަކުވާ އަކާއި ގުޅިގެން ޝަރީއަތް ފަސްކޮށްދިނުމަށް އެދޭނީ މައްސަލައިގެ ހުކުމަކާއި ހިސާބަށް ގޮސްފައި ހުރި މައްސަލަތަކުއި އެކަނި ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން