ކެމިކަލް ރައްކާކުރާ ތަންތަން ބަލައި ފާސްކުރުމަށް ހިންގާ ”އޮޕަރޭޝަން ހިރާސް ފާސް“ ގައި މިހާތަނަށް 402 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ޓީމުތަކުން ބުނެފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްއިން ކުރިއަށްގެންދާ މި އޮޕަރޭޝަން ކުރިޔަށް ގެންދަނީ މާލެ ސަރަހައްދު ދިހަ ޒޯނަކަށް ބަހާލައިގެންނެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ ސިފައިންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ހަރަކާތްތެރިވަމުންދާއިރު މި އޮޕަރޭޝަންގެ ފުރަތަމަ ތިން ދުވަހު އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 347 އިމާރާތް ބަލައި ފާސްކޮށްފައެވެ. އަދި ނުރައްކާތެރި ކެމިކަލް ރައްކާކުރާ 31 ގުދަނަކާާއި ކެމިކަލް ވިއްކާ 24 ފިހާރައެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ، އޮޕަރޭޝަން ހިރާސް ފާހުގެ ދަށުން އާންމުންނަށް ނުރައްކާވާގޮތަށް ކެމިކަލް ރައްކާކޮށް، ގަވާއިދާ ޚިލާފަށް ކެމިކަލްގެ ވިޔަފާރި ކުރަމުންދާ ތަންތަނަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި އަލިފާނުގެ ހާދިސާތަކަށް ނާޒުކުކޮށްހުރި ޢިމާރާތްތަކަކީ ކޮބައިކަންވެސް އޮޕަރޭޝަންގެ ދަށުން ދެނެގަނެވޭނެކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.

ހިރާސް އޮޕަރޭޝަން ކުރިއަށްދާނީ މިމަހުގެ 1 އިން 15 ގެ ނިޔަލަށެވެ. މި އޮޕަރޭޝަނުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ދައުލަތުގެ 6 މުއައްސަސާއެއް ބައިވެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން