އައްޑޫން ދޫކޮށްފައިވާ 1،700 ގޯތި ފަޅަށް އޮތުމުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އައްޑޫ ކައުންސިލުން ދީފިއެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އައްޑޫގެ އަވަށްތަކުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ދޫކުރެވުނު މުއްދަތުން ފެށިގެން ފަސް އަހަރު ދުވަސްވީއިރު ވެސް ގޯތީގައި ދިރިއުޅެން ފަށާފައި ނުވާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގިނަ އަދަދެއްގެ ގޯތިތައް ހުރުމާއި އެކު މިކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

އާބާދީ ބޮޑު އައްޑޫއި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ދިރިއުޅެން ފަށާފައިނުވުމުގެ ސަބަބުން އެކިއެކި ނޭދެވޭ އަމަލުތައް އެތަންތާގައި ހިންގައި އޭގެ ސަބަބުން އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ. އެގޮތުން އެފަދަ ތަންތާގައި މަދިރި އާއި މީދާ ފަދަ ސޫފާސޫފި އާލާވެ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އުނދަގޫވެ އާންމު ސިއްޙަތައް ނުރައްކާވާކަމުގެ ޝަކުވާތައް ތަކުރާރުކޮށް ލިބެމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ބުނީ ގޯތި ހަވާލުކުރެވުނު ފަހުން ބައެއް ފަރާތްތަކުން ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައި ނުވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ފަޅު ގޯތިތަކުގެ އަދަދު:

ހިތަދޫ: 802 ގޯތި
މަރަދޫ: 106 ގޯތި
މަރަދޫފޭދޫ: 23 ގޯތި
ފޭދޫ: 160 ގޯތި
ހުޅުދޫ: 512 ގޯތި
މީދޫ: 109 ގޯތި

އައްޑޫ ސިޓީ ކައުންސިލުން ވަނީ މިއަދުން ފެށިގެން 30 ދުވަސްތެރޭގައި ރަޖިސްޓަރީ ނުކޮށް ހުރި ގޯތިތައް ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށާއި އަދި މިއަދުން ފެށިގެން 30 ދުވަސްތެރޭ ގޯއްޗާއި ގޯތި ވަށައިގެންވާ މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ އިތުރަށް މިއަދުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ގޯތީގައި އިންފާރު ރޭނުމަށް އަންގާފަ އެވެ.

ކައުންސިލުގެ އިންޒާރުގެ އިއުލާނުގައި ވަނީ މިއަދުން ފެށިގެން އެއް އަހަރުތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ވެސް އަންގާފަ އެވެ. އަދި މި އެންގުމާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން