ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭއެއް: އެޗްޕީއޭގެ އުސޫލާ ޚިލާފަށް ހިންގާ ކެފޭތައް ބަންދުކޮށް ޖޫރިމަނާކުރުމަށް ވަނީ ނިއްމާފަ
ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭއެއް: އެޗްޕީއޭގެ އުސޫލާ ޚިލާފަށް ހިންގާ ކެފޭތައް ބަންދުކޮށް ޖޫރިމަނާކުރުމަށް ވަނީ ނިއްމާފަ
ކޯވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް، މާލެ ސަރަހައްދުގައި އާންމުންނަށް ޚިދުމަތް ދިނުމަށް ހިންގާ ތަންތަނާ މެދު ފިޔަވަޅު އެޅުން ހަރުކަށިކޮށް، ޖޫރިމަނާ ކުރާނެ އުސޫލު އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފުވާ ތަންތަން ވަގުތުން ބަންދުކުރި ނަމަވެސް، އެ ކަންކަން އިސްލާހު ކުރުމުން މީގެ ކުރިން އަލުން ހުޅުވަން ހުއްދަ ދީފައިވެއެވެ.

ނަމަވެސް އެ އިދާރާ އިން މިއަދު އާންމުކުރި އުސޫލުގައި ބުނެފައިވަނީ މީގެ ފަހުން އުސޫލާ ޚިލާފުވެގެން ބަންދުކުރާ ތަންތަނުން އެކަން ތަކުރާރު ކުރާނަމަ ޖޫރިމަނާ ވެސް ކުރާނެ ކަމަށެވެ. ދެވަނަ ފަހަރަށް އުސޫލުން ބޭރުން އަމަލުކުރާ ތަންތަން 1،000ރ. އިން ޖޫރިމަނާކޮށް، ތަން ހުޅުވުމުގެ ހުއްދަ ވެސް ދޭނީ ތިން ދުވަސް ފަހުން ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ.

އެޗްޕީއޭގެ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވާ ނަމަ، 1،000ރ. އިން ޖޫރިމަނާކޮށް، ތަން ހުޅުވަން ހުއްދަ ލިބޭނީ ފަސް ދުވަސް ފަހުން ކަމަށް އުސޫލުގައިވެ އެވެ. އުސޫލާ ޚިލާފުވެގެން ފުރަތަމަ ފަހަރު ނަމަ އެ ތަނެއް ބަންދުކުރަން އެޗްޕީއޭ އިން ކަނޑައަޅާފައި ވަނީ 48 ގަޑިއިރަށް ކަމަށް އުސޫލުގައި ބުނެ އެވެ. ފުރަތަމަ ފަހަރު ނަމަ ޖޫރިމަނާއެއް ނުކުރާނެ އެވެ.

އެޗްޕީއޭ އިން ބުނީ ފުރަތަމަ އިންސްޕެކްޝަނަށް ފަހު ވެސް، ކޮވިޑާ ގުޅޭ ޝަކުވާއެއް ނުވަތަ އެ އިދާރާގެ ގައިޑްލައިނާ ޚިލާފަށް އެ ތަނެއް ހިންގާކަން ފާހަވެއްޖެ ނަމަ ވެސް 1،000ރ. އިން ޖޫރިމަނާކޮށް، ފަސް ދުވަހަށް ތަން ބަންދު ކުރާނެ ކަމަށެވެ. އާންމުންނަށް ޚިދުމަތް ދޭ ތަންތަން ހިންގަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށްތޯ ބެލުމުގެ ބޮޑު އިންސްޕެކްޝަނެއް މިދިޔަ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ފަހަރު ވެސް ގިނަ ތަންތަން ބަންދުކޮށް، އިސްލާހު ކުރަން ފުރުސަތު ވެސް ވަނީ ދީފައެވެ. މިހާރު އެ އިންސްޕެކްޝަން މަޑުޖައްސާލާފައި އޮތް ނަމަވެސް އެޗްޕީއޭ އިން ވަނީ އަންނަ އަންގާރަ ދުވަހު އަނެއްކާވެސް ބޮޑު އޮޕަރޭޝަނެއް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ފަށަން ނިއްމާފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން މިރޭގެ 8 އިން ފަތިހު 5 އާ ދެމެދު ވެހިކަލްތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ކުރިއެކޭ އެއްގޮތަށް ރޭގަނޑު 10 އިން ފަތިހު 5 އާ ދެމެދު ބޭރުތެރޭގައި އުޅުމަކީ ވެސް ވަނީ މަނާކޮށްފައެވެ. ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ކޮންމެ ރެއެއްގެ 9:30 ގައި ބަންދު ކުރަން ޖެހޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން