ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޤައުމިއްޔަތަށް އަހުލުވެރި ޤާބިލު ދަރިންތަކެއް ބިނާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި މުދައްރިސުންގެ އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެ ދުވަސްކަމުގައި ވާތީ މުދައްރިސުންނާ މުޚާޠަބުކުރައްވަމުން ރައީސް ވަނީ، އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ދިވެހި ދަރީންނަކީ ދިވެހި ޤައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައި ތިބި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުޤާއި ޤާބިލުކަން ލިބިފައިތިބި ދަރީންތަކަކަށް ހަދައިދިނުމަށް، މުދައްރިސުން އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިކަމުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާނޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ފަދަ ދަރީންތަކެއް ބިނާކުރުމަށްޓަކައި، އާރާސްތުކުރަންޖެހޭ އަޚުލާޤީ އެތައް ބިނާއެއް އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާނުން އެނގޭ ފަދައިން ޙާލަތު ބަދަލުކުރުމަކީ ދިވެހިންގެ އަމިއްލަ މަސްއޫލިއްޔަތެއްކަންވެސް އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ.

ހަމައެއާއެކު ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ޤައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ޤައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ގޮވާލައްވާފައި ވެއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މިއަހަރުގެ ފެބްރުއަރީމަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ޤައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން