ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން (މ)
ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން (މ)
ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި އައިޝަތު ޝޫޒާ އަކީ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތެއް ކަމަށް ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން ވިދާޅުވެއްޖެއެވެ.

އިފްހާމް މިހެން ވިދާޅުވެފައިވާއިރު ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމު ފުުރުއްވި އައިޝަތު ޝޫޒާގެ ހައްގުތަކެއް އެ ވުޒާރާގެ އިސްވެރިން ނިގުޅައިގެންފައިވާ ކަމަށް ޝޫޒާ ވިދާޅުވާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ޢާއްމުވެފައެވެ. އެގޮތުން ޝޫޒާ ވިދާޅުވީ އޭނާގެ އިތުރުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބޭއިންސާފު ތަހައްމަލުކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވަމުން ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން މިއަދު ވިދާޅުވީ ޝޫޒާ ދަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. އަދި ޝޫޒާ އިންސާފު ހޯދުމަށް ކުރާ މަސައްކަތުގެ ބައިވެރިންގެ ގޮތުގައި ދެމިހުންނަވާނެ ކަމަށްވެސް އިފްހާމް ވިދާޅުވިއެވެ.

އިފްހާމް ވިދާޅުވީ ޝޫޒާ އަކީ ނިމިދިޔަ ސަރުކާރުގައި ގިނަގުނަ ބުރަ މަސައްކަތްތަކެއް އިޚްލާޞްތެރި ކަމާއެކު ޖެންޑާ މިނިސްޓްރީއަށް ކޮށްދެއްވި ފަރާތެއް ކަމަށެވެ.

“އެގޮތުން ޑިސްއެބިލިޓީ ސެކްޓަރ ކުރިއެރުވުމަށް ސީ.ބީ.އާރ. މެނުއަލް ލިޔެ ތައްޔާރުކޮށް، ރާއްޖޭގެ އެތައް ރަށެއްގައި ޓްރެނިންގ ޕްރޮގްރާމްތައް ހިންގާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަގުނުކުރެވޭނޭ ފަދަ މަސައްކަތްތަކެއް ކޮށްދެއްވިކަން ފާހަގަ ކޮށްލަން.” އިފްހާމް ވިދާޅުވިއެވެ.

ހަމައެއާއެކު އިފްހާމް ވަނީ މިފަދަ ދަށުދަރަޖައިގެ ކަމެއް އެއްވެސް މީހަކާމެދު، ތަހުޒީބީ މުޖުތަމަޢުއެއްގައި ހިނގައިގެން ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އިފްހާމްގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝިހާބުވެސް ވިދާޅުވެފައިވަނީ ޝޫޒާ އަކީ ވަކިމީހަކަށް ބެލުމެއްނެތި ހައްގުބަސް ބުނާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އަންހެނަކަށް ވުމުން، ވަރަށް ގިނަ ބަޔަކަށް އެކަން ބަލައިގަންނަން އުނދަގޫވާ ކަމަށްވެސް ޝިހާބު ވިދާޅުވެފައިވެއެވެ.

ޖެންޑަރ މިނިސްޓްރީގެ ކުރީގެ އިސް ދެބޭފުޅުން ޝޫޒާ އަށް ތަޢުރީފް ކޮށްފައިވާއިރު ޝޫޒާ މަގާމުން ވަކިކޮށްފައި ވަނީ އެއްވެސް ސަބަބެއް ދެއްކުމެއް ނެތި ކަމަށާއި، ސަބަބު ސާފުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުނު ނަމަވެސް އެޕޮއިންޓްމަންޓް ދީފައި ނުވާ ކަމަށް ޝޫޒާ ވަނީ ވިދާޅުވެފައެވެ.

“ވޯކް ޕްލޭސްއެއްގައި އިންސާނަކަށް ނަފްސާނީ ގޮތުން ދެވޭނެ އެންމެ ބޮޑު ޓޯޗާ މި މިނިސްޓްރީން ވަނީ އަޅުގަނޑަށް ދީފައި.” ވައިރަލް ވެފައިވާ ވީޑިއޯގައި ޝޫޒާ ވިދާޅުވެފައިވެއެވެ.

ޝޫޒާ ވަނީ މީގެ 17 އަހަރު ކުރިން އެމިނިސްޓްރީގެ އެސިސްޓެންޓް ކައުންސިލާ ޓްރެއިނީއެއްގެ ވަޒީފާއަށް ވަދެ، އެންމެ ފަހުން ޑިރެކްޓަރެއްގެ މަގާމުގައި ހުންނަވައިގެން އޭނާއަށް ކުރެވިފައިވަނީ ފަހުރުވެރި މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވެފައެވެ.

“2023ގެ ޑިސެމްބަރާ ހިސާބަށް އެއްވެސް މަގުބޫލު އުޒުރެއް ނެތި، އަޅުގަނޑު ކުރަމުން އައި ހުރިހާ މަސައްކަތެއް އަޅުގަނޑު އަތުން އަތުލައި، މި މިނިސްޓްރީގައި އަޅުގަނޑު މަސައްކަތް ކުރަމުން އައި ކޮމިޓީތަކުން އަޅުގަނޑު ބޭރުކޮށް، އެ ހިސާބުން ވެސް ނުވެގެން އެޗްއޯޑީ ކަމުން ވަކިކޮށް، މިނިސްޓްރީގެ އިސް ވެރިންގެ މީޓިންތަކަށް ވަނުން މަނާކޮށް، މަގާމުގެ ހުރިހާ މަސައްކަތުން އަޅުގަނޑު ވަނީ އާދައިގެ ކޭސް ވޯކަރަކަށް ބަދަލުކޮށްފައި.” ޝޫޒާ ވިދާޅުވި އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ޝޫޒާ ވާހަަކަ ދައްކަވައި ނިންމެވުމާ އެކު، އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު ހުސައިން ޝަރީފް އޭނާގެ ގައިގައި ބައްދާލައްވައެވެ.

ހަމައެއާއެކު އިއްޔެ އާމިނަތު ޙުސައިން ޝަރީފް ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން