ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބާއްވާ ދަސްވާރު ޕްރޮގްރާމް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދަސްވާރު ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމަލީ މަސައްކަތުގެ ތަޖުރިބާއާއި ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ތައުރީފު ކުރަންޖެހޭ ޕްރޮގްރާމެކެވެ.

އާރްޑީސީ އާއި ގުޅިގެން މިނިސްޓްރީން ދަނީ ދިވެހީރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރުދުންގެ ވަޒީފާގެ ފުރުސަތު އަދި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ހަމަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ފަސް މީހަކު ބައިވެރިވެފައިވެއެވެ. އަދި އަމަލީ މަސައްކަތާއި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ގޮތުން މި ޕްރޮގްރާމްގެ ބައިވެރިން އާރްޑީސީގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް، ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ހަމަޖެހިފައިވާކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމުގެ މައްދަތުގެ ތެރޭގައި ކޮންމެ ބައިވެރިއަކަށްވެސް 5000 ރުފިޔާގެ އެލަވަންސެއް ދެވޭނެ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ. އާރްޑީސީން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމާއި، ވަޒީފާގެ ބާޒާރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަ ކަމާއެކު މަސައްކަތް މާހައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ.

އާރްޑީސީން ބުނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި އެފަރާތްތައް ބާރުވެރި ކުރުމަށާ އެފަދަ ފަރާތްތައް މުޖުތަމައަށް ބޭނުން ހިފޭ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުމަކީ މި ޕްރޮގްރާމްގެ މަޤުސަދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރެވުނީ 30 ޖޫން 2024 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން