ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ޑިފެންސްގެ އާ އިމާރާތުގެ މަސައްކަތް ދެވަނައަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ދީފައިވަނީ އުސޫލުގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސްގެ އާ އިމާރާތް 457 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހަޅާފައިވަނީ 69.3 މިލިއަން ރުފިޔާ އަށެވެ. އެހެން ނަމަވެސް، އެންމެ ކުޑައަގު ހުށައެޅި ކުންފުނި ބާކީކޮށް މި މަޝްރޫއު ޙަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަން އަށެވެ. އެކުންފުނިން ހުށައަޅާފައިވަނީ 618 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް 75 މިލިއަން ރުފިޔާ އަށެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އެ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކޮންމެ ކޮންޓްރެކްޓަރަކަށް ވެސް ހަވާލުކުރެވޭނެ ސަރުކާރުގެ މަޝްރޫއުތަކުގެ އެންމެ މަތީ މިންވަރު އުސޫލެއްގެ ދަށުން ކަނޑައެޅިފައިވާ ކަމަށެވެ. އެއީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން 1 އޭޕްރީލް 2020 ގައި ގެޒެޓް ކުރެވި ނޭޝަނަލް ޓެންޑަ ބޯޑުން އަމަލު ކުރުމަށް ލާޒިމުކޮށްފައިވާ އުސޫލެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި އުސޫލުގެ ބޭނުމަކީ ނޭޝަނަލް ޓެންޑަ އިން އެވޯޑް ކުރާ މަޝްރޫއުތައް އަވަސްމިނެއްގައި ކުރިއަށް ގެންދިޔުމާއި ގިނަ ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަން ކުރުން ކަމަށާއި، މިކަމާ ގުޅޭ ގޮތުން މަސީ އަދި މިނޫންވެސް މިކަމާ ގުޅޭ އެހެނިހެން ފަރާތްތަކާވެސްވަނީ މަޝްވަރާ ކުރެވި ހިޔާލު ހޯދިފައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ އިމާރާތް ހެދުމަށް ހުޅުވާލެވުނު ޓެންޑާގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ކުންފުނިތަކަށް އެއްފަހަރާ ޓެންޑަރ ތަކުގައި މަސައްކަތް ކުރެވޭނެ ވަކި އަދަދުތަކާއި ޖުމްލަ ފައިސާގެ އަދަދު އެ އުސޫލުން ކަނޑައަޅާފައިވާތީ ކަމަށް ފިނޭންސްގެ ބަޔާނުގައިވެއެވެ.

ފިނޭންސް އިން ބުނީ، މި އުސޫލުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ 300 މިލިއަން ރުފިޔާ އާއި ހަމައަށް ކަމަށާއި، އެއްފަހަރާ މަސައްކަތް ކުރެވޭނެ ޓެންޑަތަކުގެ އަދަދަކީ ގިނަ ވެގެން 8 ކަމަށެވެ. މިވަގުތު އެ ކުންފުނިން 310 މިލިއަން ރުފިޔާގެ، ޖުމްލަ 11 ޕްރޮޖެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދެވަނައަށް އެންމެ ކުޑަ އަގެއް ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މި ބިޑް ކާމިޔާބުވީ އެހެންވެގެން ކަމަށާއި، މި އުސޫލު ތަންފީޒު ކުރެވުނު ފަހުން އަމަލު ކުރެވެމުން އަންނަނީ މި އުސޫލުގެ ދަށުންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓެންޑަތަކާއި ގުޅޭ މި މައުލޫމާތުތައް ވެބްސައިޓްގައި ހާމަކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތަކަށް މިފަދަ ކަންތައްތައް ހިނގާ ގޮތުގެ މައުލޫމާތު މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގައިދިނުން ކަމަށް ވެސް ފިނޭންސުން ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު


1

އައްޑޫމީހާ

23-Aug-2020

އަމީރޫ ޔޫ ވެސް ސޭފު ވެގެން ހުރެވޭނެ އޭ ނުހިތާތި ކޮރަޕްޝަނުގެ އެއްމެ އަޑީގައި ހިމެނޭ މީހެއް ތިޔައީ ވެސް



ޓްރެންޑިން