ގައުމުގެ ހާލަތު ބަދަލުކުރެވޭނީ 10 ނުވަތަ 15 އަހަރު ރާއްޖޭގައި އެއް ވެެރިކަމެއް ގާއިމްވެ އޮވެގެން ކަަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) މެމްބަރުން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ދާއިރާތަކުގައި، މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ފެށުމަށް މިއަދު ބޭއްވި ހަރަކާތަށްފަހު މީޑިޔާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަަފުޅު ދައްކަވަމުންނެެވެ. ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭގޮތަށް ބިނާކުރުމަށްޓަކައި 10 ނުވަތަ 15 އަހަރު ރާއްޖޭގައި އެއް ވެރިކަމެއް އޮންނަންޖެހޭ ކަމަށެވެެ.

އަބުދުއްރަހީމް ވިދާޅުވީ ރައީސް މުޢިއްޒު ގެންގުޅުއްވަނީ ދިވެހިންރާއްޖެ އެއް ބިނާކުރުމުގެ ސިޔާސަތު ކަމަށެވެ. އެ ސިޔާސަތު ހަގީގަތަކަށް ހެދުމަށްޓަކައި އެމަނިކުފާނުގެ ވެރިކަން ދިގު ދެމިގެންދާނެ ފަދަ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އަބުދުއްރަޙީމް އިތުރަށް ވިދާޅުވީ ޕީއެންސީއަށް އޮތް ތާއީދުން އެނގިގެން ދަނީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަނެފައިވާ މިންވަރު ކަމަށެވެ. އަދި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން މުޅި ޕީއެންސީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ، ކާމިޔާބުކަމާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތް ބައްޓަންކުރުން، މި ފަސްއަހަރު އެކަނި ވެރިކަން ކުރާގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން މިތިބީ ދެވަނަ ދައުރެއް ރައީސުލްޖުމުހޫރިއްޔާ އަށް ހޯދައިދިނުމުގެ ވިސްނުމުގައި އެމަސައްކަތް މިކުރަނީ އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބުކުރާނަން،" އަބުދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ޕާޓީއަށް 75،000 މެމްބަރުން ހަމަކޮށް، ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ހެދުން ކަމަށެވެ. އަދި އެކަން އަންނަ ނޮވެމްބަރުގެ ނިޔަލަށް ފުރިހަމަވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ މިހާރުވެސް ޕީއެންސީގެ މެމްބަރުންގެ ގޮތުގައި، 60،000 އަށްވުރެ ގިނަ މެމްބަރުން އެބަތިބިކަމަށެވެ. އަދި ރައީސް ބޭނުންފުޅުވަނީ އަންނަ ނޮވެމްބަރުމަހުގެ 17 އާ ހަމައަށް ދާއިރު އެންމެ މެމްބަރުން ގިނަ ޕާޓީއަށް ޕީއެންސީ ހެދުމަށް ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން